މިއަދު ރާއްޖެގެ އެއްވެސް ސިޔާސީ ވެރިއަކު ޖަލުގައި ނެތް ކަމަށާއި، އެކަން ދެން ކުރިއަށް އޮތް ތަނުގައި ނުވެސް ކުރެވޭނެ ވަރަށް ރާއްޖޭގައި ޑިމޮކްރަސީ އަށަގަނެފައިވާ ކަމަށް ކުރީގ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ”ސަންގަށް“ ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިރާއްޖެގައި ދުލާއި، ގަލަމުގެ މިނިވަންކަން ނެތް ޒަމާނެއް ދެކެވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްފުޅުގެ ވަރަށް ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވަން ޖެހެވަޑައިގަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަ ޖަލަށް ދާން ޖެހެވަޑައިގަތީ 1989ވަނަ އަހަރު އައިލެންޑު ނޫހުގައި އެއްޗެއް ލިޔެގެން ކަމަށެވެ.
އޭގެކުރިން ސަންގުކިޔާ މަޖައްލާއެއް ނެރެފައިވާނެ ކަމަށާއި، އެ މަޖައްލާ ނެރުނީތީ އެޑިޓޯރިއަލްގެ ހުރިހާ އެންމެނާއި، ޖުމްލަ 270 މީހުން ޖަލަށް ލި ކަމަށާއި، އެއަށްފަހު ކުރި އަނިޔާ ވިދާޅުވާންވެސް އުނދަނގޫފުޅުކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ހުރިހާކަމެއްވެސް ހިނގީ ހަމައެކަނި އެއްޗެއް ލިޔުއްވީތީ ކަމަށާއި، އެއަށް ފަހު ނަޝީދަށްވެސް އަނިޔާކޮށް ދައުވާކުރި ކަމަށް ވިދާޅުވިއެވެ.
”މިވަގުތު، މިއަދު ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ވެރިއެއް ޖަލަކުނެތް. އަޅުގަނޑު ވަކި ވަރިއެއްގެ ވާޙަކައެއް ނޫން. ނުކުރެވެނީ އޭ މިހާރު، އަޅުގަނޑަށްވެސް އެކަން ނުކުރެވެނީ. މިހާރު ދެން އެކަން ވާން ނެތީ. އަޅުގަނޑުމެން ރާއްޖެގެ ރައްޔިތުން މިރާއްޖޭގައި ޑިމޮކްރެސީ އަށަގަންނުވައިފި އެއަށްވުރެ މާ ވަރުގަދަކޮށް. ތިބޭފުޅުންގެ ޗެނަލަކާއި ވެސް އަސްލުގައި ހަގީގަތުގައި ނުކުޅެވޭނެ.“
ނަޝީދު ވިދަޅުވީ މިއަދު އެކަންކަން ކުރަން އުނދަނގޫ ވާނެ ކަމަށާއި، އެއީ މާދަންވެސް ކައުންސިލް އިންތިހާބަށްވެސް އަންނަން ޖެހެނީ ރައްޔިތުންގެ ގާތަށް ކަމަށް ވާތީއެވެ. އެއަށް ފަހު ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތހާބާއި، މިގޮތަށް ހަފްތާއަކު ދެފަހަރަށް ރައްޔިތުންގެ ގާތަށް ކަމަކު ބުނަން ދާނެ ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުންނަށް އުނދަގޫކުރަމުން ނުވަތަ އަނިޔާ ކުރަމުން ވެރިންނަށް ނުހިންގޭނެ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވަން ވަރަށް ގިނަ ކާމީޔާބީތައް ހޯދައިފި ކަމަށެވެ.

