ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމަށް ކުރެވޭ އިހުލާސްތެރި ހިދުމަތް: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ 60 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އާންމު ރައްކާތެރިކަމާއި ގައުމީ ސަލާމަތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އަޒުމު އައުކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ އެއް ފުރާޅެއްގެ ދަށުން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވި ތާރީހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ނަވީން މި މުނާސަބަތުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ހާއްސަ ދުވަހަކީ ދިވެހިންގެ 60 ވަނަ ފަހުރުވެރި މިނިވަން ދުވަސް. މި ތާރީހީ ރަސްމިއްޔާތަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކުރައްވާތީ އެންމެހައި ފުލުހުންގެ ނަމުގާ މަނިކުފާނަށް އިހުލާސްތެރި ޝުކުރެއް ދަންނަވަން

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމަށް ކުރެވޭ އިހުލާސްތެރި ހިދުމަތެކެވެ. ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައު ރައްކާތެރިކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ކޮމިޝަނަރ ނަވީން ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމް ހުއްޓުވުމާއި، ގޭންގު ކުށްތަކާއި، އަދި ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ، ރައްޔިތުންނަށް ކުރިމަތިވާ ހާދިސާތަކާއި ކާރިސާތަކުގައި އާންމު ހާލަތަށް ކަންކަން އަނބުރާ ގެނައުމަށް ފުލުހުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމާއި، އޮޕަރޭޝަނަލް ކަންކަން ރަނގަޅުކުރުމާއި، އަދި ތަހުގީގު ކުރުމުގެ އިޖުރާއާތުތައް ހަރުދަނާކުރުމުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ޒަމާނީކުރުމަށާއި، އާންމުންގެ އިތުބާރު ހޯދައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން، އަޅުގަނޑު މަނިކުފާނަށް، އަދި ލޮބުވެތި ދިވެހި ރައްޔިތުންނަށް މިއަދު ދޭ ޔަގީން ކަމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގާ، ދިވެހި ފުލުހުން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން!

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށާއި ދިވެހި ރައްޔިތުންގެ އިތުބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހޯއްދަވައިދެއްވުމަށް ކުރައްވާ އިހުލާސްތެރި މަސައްކަތްޕުޅުތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ. އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލީ އިޙްސާނަށާއި، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނަށާއި، އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް އެ ބޭފުޅުންގެ ދެމެހެއްޓެނިވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު ދެންނެވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ ވާހަކަފުޅު ނިންމަވާލެއްވީ، މިލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދަށް ލެއްވުމަށާއި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވުނު މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެލި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލި ލިބިވަޑައިގެންނެވި ފުލުހުންނާއި ސިފައިންނަށް މެޑެލި ހަވާލުކޮށްދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: