މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއާއި ބައްދަލުކުރައްވައިފިއެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާގޮތުން ރައީސް އަބްދުއްރަހީމްވަނީ ބޮޑުވަޒީރު މޯދީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންޑިއާގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ ސުބްރަމާނިޏަމް ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވިއިރު ހައިކޮމިޝަންގެ ބޭފުޅުންވެސް ތިއްބެވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީވަނީ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް މި ބައްދަލުވުން ކުރިއަށް ގެންދިޔަކަން ހިއްސާކުރައްވާފައެވެ. މިގޮތުން ބައްދަލުވުމުގެ ތެރެއިން އިންޑިއާ ރާއްޖޭގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއިމެދު މަޝްވަރާކުރެވިފައިވާއިރު ދެ ގައުމުގެ މަޖިލީހުގެ ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް އަލިއެޅުއްވިކަމަށް ހިއްސާކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ދައުރުގައި އިންޑިއާ މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް ގުރޫޕު އުފައްދާފައިވުމަކީ ދެ ގައުމުގެ ގުޅުމަށް ރަނގަޅު އަސަރުތަކެއް ކުރި ނިންމުމެއްކަމަށެވެ. އަދި ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެއްބާރުލުން ދިނުމަށް ތައްޔާރުކަމަށް ވިދާޅުވިއެވެ.

