އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ރާއްޖޭގެ ސިޔާސީ ޕާޓިތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ މައުލޫމާތުތައް އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރައްވައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ބައްދަލުކުރެއްވިފައިވާކަމަށެވެ. އަދި އެއީ އަގުހުރި ބައްދަލުވުންތަކެއްކަމަށެވެ. އަދި އެކި ލީޑަރުންނާއި ބައްދަލުކުރެވިފައިވުމުން ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް އިދިކޮޅުގެވެސް ތާއީދު އޮތްކަން އެނގިގެންދާކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މޯދީ ވިދާޅުވީ، ދެ ގައުމުންވެސް ހިއްސާވާ އަސާސްތަކުގެ ސަަބުބުން ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ކުރިއެރުވުމަށްޓަކައި އެހީތެރިވެދޭކަމަށެވެ.

