ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހަގީގަތަކަށް ހެދުމަށް ކުރީ ދެ ސަރުކަރުން ވެސް ކުރި މަސައްކަތަށް ޝުކުރު ހައްގުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުންނާއި ސިޔާސީ އެކި ބޭފުޅުންގެ މެދުގައި އޮތް އެންމެ ބޮޑު ބަހުސަކީ މަސައްކަތުގެ ހައްގު ތައުރީފް ލިބެން ޖެހެނީ ކޮން ސަރުކާރަކަށް ތޯ އެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިިކަމުގެ އެއާޕޯޓުގެ އެއް ބިލިއަން ޑޮލަރުގެ މެގަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް ޕްރޮޖެކްޓު ނަމަވެސް ވެރިކަން ނިމިގެން ދިޔައިރު ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ނުވެ އެވެ. އަދި ޓާމިނަލްގެ އިތުރު މަސައްކަތްތައް ކުރިޔަށް ގެންދިޔައީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި، ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެއާޕޯޓު މަޝްރޫގެ ދަށުން މަގުތައް ހެދުމާއި، އެއާއި އެކު ކުރިޔަށް ގެންދަން ޖެހޭ ގިނަ މަސައްކަތްތައް ދޮޅު އަހަރުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވަނީ މި ސަރުކާރުންނެވެ.
މަސައްކަތުގެ އަސްލު ކްރެޑިޓް ލިބެން ޖެހޭނެ ސަރުކާރަކާއި ގުޅޭގޮތުން ދެކެވޭ ވާހަކައަށް މީގެ ކުރިން ވެސް ރައީސް ތަފްސީލުކޮށް ޖަވާބު ދެއްވިއެވެ.
މިރޭ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި ދިހަ އަހަރު ނެގި މި ޕްރޮޖެކްޓަކީ، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތެވެ. އެގޮތުން ޕްރޮޖެކްޓު އެންމެ ފުރަތަމަ އިއުލާނު ކުރެވި ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށްވުމާއި އެކު އެމަނިކުފާނަށް އެ ޝުކުރުއަދާކުރާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން ވެސް އާ ޓާމިނަލް ނިންމާލުމަށް ކުރި މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ޕްރޮޖެކްޓު ގޮސްފައި އޮތް ހިސާބާއި އެކު ނަމްބަރުތައް ތަފާސްހިސާބުތަކުގެ ގޮތުގައި މީގެ ކުރިން ތަފްސީލުކޮށްދެވިފައިވާނެކަމަށެވެ.
ދެ ސަރުކާރެއްގެ ބުރަ މަސައްކަތް މީގައި ހިމެނޭ.. މިއާދާއި ހަމައަށް.. އަޅުގަނޑުމެންނާއި ހަމައަށް މި މަސައްކަތް ގެނައުމުގައި… އެހެންވީމަ އަޅުގަނޑު މިގޮތުން މިދެންނެވި ފަރާތްތަކަށް ޝުކުރު ދަންނަވަން.. ހާއްސަކޮށް މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ވާތީ އެމަނިކުފާނަށާއި ދެން އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިކަމަށް ވާތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން..
އާ ޓާމިނަލްގެ މަސައްކަތް ނިންމައި ހިދުމަށް ދޭން ފެށުމަށް މިދިޔަ މަދު ދުވަހެއްގެ ތެރޭގައި ކުރެވުނު މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ސަމާލުކަން އެގޮތުގައި ނުދެވުނު ނަމަ ޕްރޮޖެކްޓަށް އިތުރު ދޮޅު އަހަރެއްހާ ދުވަސް ނެގީސްކަމަށެވެ. އޭގެ ސަބަބަކީ މަސައްކަތުގެ ސްޕީޑު ވެރިކަމާއި ހަވާލުވިއިރު އޮތީ 2027 ގައި ޕްރޮޖެކްޓު ނިމޭ ގޮތަށްކަމަށް ވާތީކަމަށް ރައީސް ވިދާޅުވި އެވެ.

