އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު ޕީޕީއެމް އަދި ޕީއެންސީގެ ވެރިކަންތަކުގައި ކުރެވޭ މަސައްކަތް ނިސްބަތުން ގިނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މެމްބަރު އިބްރާހިމް ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ހިސާބުންވެސް ރައީސް އަޒުލު ކުރެއްވުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ކަމަށެވެ. އަދި އެކި ގޮތްގޮތުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި، ބޯހިޔާވަހިކަމުގެ ފުރަތަމަ ޕްރޮޖެކްޓަކަށް އިއުލާނު ކޮށްފައިވާ ރަސްމާލެ މަޝްރޫއަށް ބޭނުންވި ބަޖެޓުވެސް 19 ވަނަ މަޖިލީހުން ހިފެހެއްޓިކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ސަރުކާރުން ބޭނުންވިގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ހިންގޭނެ ފަދަ ބަޖެޓެއް އެކުލަވާލައި އެ މަޝްރޫއުތައް ފެއްޓެމުންދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓެއް ހަދައި މިހާރު އެ ދަނީ އެ ޕްރޮޖެކްޓުތައް ނިއުޅެމުން އިނގޭތޯ
މެމްބަރު ވިދާޅުވީ، ސަރުކާރުން މިހާރުވެސް 12،000 ހައުސިންގް ޔުނިޓު އިއުލާނު ކޮށްފައިވާ ކަމަށާއި، އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު ޕީޕީއެމް އަދި ޕީއެންސީގެ ވެރިކަންތަކުގައި ކުރެވޭ މަސައްކަތް ނިސްބަތުން ގިނަ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ވެރިކަންތަކުގައި އެކި މަޝްރޫއުތަކުގެ ބިންގާ އެޅިނަމަވެސް، އެ މަސައްކަތްތައް ނިމިފައިނުވާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މަޝްރޫއުތަކުގެ ބިންގާ އެޅުމަކީ އަދި މަޝްރޫއެއް ނިންމުންކަމުގައި ނުބެލެވޭނެކަމަށެވެ. ހަގީގަތުގައި އެ މަސައްކަތް ނިންމަނީ ކޮން ބައެއްތޯވެސް ބަލަންޖެހޭކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އޭގެ މިސާލެއްގެ ގޮތުގައި މެމްބަރު ވިދާޅުވީ، އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް މި ސަރުކާރުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން އެ މަޝްރޫއުތައް ނިންމަމުންދާނީ ދައުލަތުގެ ޚަރަދުތަކާއި ހިންގުންވެސް މެނޭޖް ކޮށްގެން ކަމަށެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަމުންދަނީ އެ ކަންކަމުގެ ހަގީގަތް އޮޅުވާލައި، އެ ހަގީގަތްތައް އޮއްބާލުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި އިޤްތިސާދާ ގުޅުވައިގެންވެސް އެތައް ދޮގުތަކެއް ފަތުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

