ކަދުރުން އުފައްދާ މިލާފް ކޯލާ ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
ސައުދީ އަރަބިއްޔާގައި ކަދުރުން އުފައްދާ މިލާފް ކޯލާ ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ސްޓޭޑާޑް އެންޑް އޮރިޖިން ކިޔާ ކުންފުންޏަކުންނެވެ. މިލާފް ކޯލާ ރާއްޖޭގެ ބާޒާރަށް ތައާރަފްކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަިއވެއެވެ. ބޮޑުބެރާއި މިއުޒިކް ޝޯއަކާ އެކު ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މި ބުއިން ގިނަ ބަޔަކަށް ބަހާފައިވެއެވެ.
ސްޓޭޑާޑް އެންޑް އޮރިޖިން އިން ބުނެފައިވާގޮތުން ސިއްހީގޮތުން ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވަމުންދާއިރު އެ ކުންފުނީގެ އަމާޒަކީ ސިއްހަތަށް ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުންކަމަށެވެ. އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހިއްސާކުރިގޮތުން ރާއްޖެއަށް އޯލްޓަރނޭޓް ފިޒީ ޑްރިކްސް ބޭނުންވެއެވެ. އަދި އެފަދަ ތަކެތީގެ ބޭނުން ހިފުމުގައި ސިއްހަތަށް ކުރާ އަސަރަށް ބަލާ ގިނަ ބަޔަކު އުޅޭކަމަށް ބުނެފައިވެއެވެ.
މިލާފް ކޯލާ އުފައްދަނީ ސައުދީ އިންވެސްޓްމަންޓް ފަންޑްގެ ސަބްސިޑިއަރީ ކުންފުންޏެއްކަމަށްވާ ތުރާތު އަލް މަދީނާ އިންނެވެ. މި ކޯލާގައި ހަކުރު އެކުލެވިގެންނުވާއިރު ފޮނި ރަހަ ގެނުވާފައިވަނީ ކަދުރުގެ ދިޔައިންނެވެ.

