އެކްސިޑެންޓުތައް މަދުކުރެވޭނީ ލައިސަންސް ނެތް މީހާ ތަޅުދަނޑި ހިފައިގެން ދާ ހިސާބުން ދެނެގަނެވޭނެ ނިޒާމެއް ގާއިމްވެެގެންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ބިރުވެރިކަން އުފެދޭހެން ވެހިކަލް ދުއްވުން ޖީނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝުޖާއު ވަނީ މި ބިލަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. ޝުޖާއު ވިދާޅުވީ، ގައުމަށް ފައިދާހުރިކަމެއް އިދިކޮޅުން ހުށައެޅި ނަމަވެސް އެކަމަށް ތާއީދުކުރުމުގެ ގާބިލުކަން ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި އެބަހުރިކަމަށެވެ. މިއީ ކޮންމެހެންވެސް ގެންނަން ޖެހޭ އިސްލާހެއްކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު ހަރުކަށި ކުރެވިދާނެކަމަށާއި، ނަމަވެސް ތަންފީޒީ މަރުހަލާގައި ހުރި ގޮންޖެހުންތަކަށް ބަލަން ޖެހޭކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ، މި ބިލުގެ ކޮމިޓީ މަރުހަލާގައި، މިކަމާއި ގުޅުން ހުރި ހުރިހާ ވުޒާރާތަކާއިއެކު މަޝްވަރާކުރަން ޖެހޭކަމަށެވެ. ހުރިހާ ވުޒާރާއެއްގެ ފުރިހަމަ ބައިވެރިވުން އޮންނަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ބިލު ފާސްކުރެވިގެންދާންވާނީ އާންމުންގެ ހިޔާލާއެކުގައިކަން މެންބަރު ފާހަގަ ކުރެއްވިއެވެ.
އާންމު ރައްޔިތުންގެ ހިޔާލު ވަރަށް މުހިންމު. މީގެ ތެރޭގައި އަޅުގަނޑު ވަކިން ފާހަގަކޮށްލަން ބޭނުން އިއްޒަތްތެރި މެންބަރު މި ބިލު ހުށައެޅުއްވިއިރު ވިދާޅުވި ފަދައިން ކޯޓުތަކުން މައްސަލަ ނިންމުމުގައި، މިހާރަކަށް އައިސް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް މި އިއްޒަތްތެރި މެންބަރު ހުށައެޅުއްވިއިރު ފާހަގަކުރެވުނީމަ، ހަގީގަތުގައި މިފަދަ ބޮޑު އިސްލާހެއް ގެންނައިރުގައި ޖުޑިޝަރީގައި ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ.
ޝުޖާއު ވިދާޅުވިއެވެ.
ޖުޑިޝަރީގެ ތެރޭގައި ހުރި ކަންބޮޑުވުންތައްވެސް ދެނެގަންނަން ޖެހޭކަން ކޯޓުތަކުގައި ކަން ހިނގާ ގޮތާއިމެދު ވިސްނުމުން ހާމަވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ފުލުހުންގެ ކަންބޮޑުވުންތައްވެސް ދެނެގަންނަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
މާލެ އިންތިހާއަށް ތޮއް ޖެހިފައި އޮތްއިރު، ފުލުހުން ކުރާ މަސައްކަތުން ކޮންމެސް ވަރެއްގެ ހައްލުތަކެއް ލިބޭކަމަށާއި، ނަމަވެސް 24 ގަނޑިއިރު ފުލުހުން ކޮންމެ ފަސް މިނެޓަކުން ބައްދަލުވާހެން ތިބި ނަމަވެސް ހައްލުވާ ވަރަށްވުރެ މައްސަލަ ބޮޑުކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި މަސައްކަތްކުރާއިރު، ވަށައިގެން ހިނގާ ހުރިހާކަމަކަށް ބަލަން ޖެހޭކަމަށް ފާޙަގަކޮށް، ޝުޖާއު ވިދާޅުވީ ލައިސަންސް ނެތް މީހަކު ސައިކަލު ތަޅުދަނޑި ހިފައިގެން ދާ ހިސާބުން އެކަން ދެނެގަނެވޭނެ ނިޒާމެއް މުހިންމުކަމަށެވެ.

