ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަކީ ކޯޓުގެ އެތެރޭގައާއި ބޭރުގައިވެސް ނަމޫނާ ދައްކާ ބަޔަކަށްވާންޖެހޭކަމަށް ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެއެވެ.
ރިޒާ އެފަދައިން ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރިޒާ ވިދާޅުވީ، ފަނޑިޔާރުންގެ މަގާމަކީ ވަރަށް ބޮޑު ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ޙަވާލު ކުރެވިފައިވާ މަޤާމެއްކަމަށެވެ. އެގޮތުން އަދުލުވެރިކަން ޤާއިމުކުރުމަކީ ފަނޑިޔާރުންގެ ޒިންމާއެއްކަން ފާހަގަ ކުރެއްވިއެވެ.
ރިޒާ އިތުރަށް ވިދާޅުވީ، ފަނޑިޔާރުންނަކީ މުޖުތަމައުގެ އެންމެ އިސްފަންތީގައި ތިއްބަވާ ބައެއް ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންގެ އަމަލުތައް ކޯޓު އެތެރޭގައާއި އަދި ކޯޓުން ބޭރުގައިވެސް ހުންނަންވާނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައިކަން ރިޒާ ފާހަގަ ކުރެއްވިއެވެ.
ތިބޭފުޅުންގެ އަހުލާގާއި ސުލޫކު އޮންނަން ވާނީ ވަރަށް ހަރުދަނާ އުސޫލުތަކެއް މަތީގައި
މީގެ އިތުރުން، ފަނޑިޔާރުން ވާން ވާނީ ގާނޫނުތަކަށް އަހުލުވެރި އަދި އެ ގާނޫނުތަކަށް އަންނަ ބަދަލުތައް ރަނގަޅަށް ދިރާސާކުރައްވާ ބަޔަކަށްކަމަށްވެސް ރިޒާ ވިދާޅުވިއެވެ. އެގޮތުން އަލަށް ނުކުންނަ ގާނޫނުތަކާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާއި، ބައިނަލްއަގުވާމީ މުއާހަދާތަކާއި، އަދި އެހެނިހެން ގައުމުތަކުގެ ޝަރުއީ ނިޒާމުތައް ދިރާސާކުރާ ބަޔަކަށް ފަނޑިޔާރުން ވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ރިޒާ ވަނީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ގިނަކަން ފާހަގަ ކުރައްވައި އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އެގޮތުން ރިޒާ ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، ބަންޑާރަ ނައިބުގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި ދިފާއީ ވަކީލުންނަކީ މި މުޅި ނިޒާމުގެ މުހިއްމު ބައިވެރިން ކަމަށާއި، ގުޅިފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ގުނަވަނެއް އިހުމާލުވީ ކަމަށް ވީ ނަމަވެސް ޝަރީއަތްތަކަށް ބުރޫއަރާނެ ކަމަށެވެ.
ހަމައެއާއެކު، ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތަފާސްހިސާބު ޖޭއެސްސީން ކޮންމެ ތިން މަހަކުން އެއްފަހަރު ބަލާކަން ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ތަފާސްހިސާބު ފޮނުވާއިރު މައްސަލަތައް ކެންސަލްވާ ސަބަބުތައް ބަޔާން ކުރަންޖެހޭނެ ކަމަށެވެ.

