ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ހަރަދުތަކާއި ގުޅޭ އިސްލާހު ބަލައިގަނެ ކޮމިޓީއަށް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ ހަރަދުތަކާއި ގުޅޭ މާލީ ބޮޑެތި އިސްލާހުތަކާއި އެކު ލާމަރުކަޒީ ގާނޫނާށް ހުށަހެޅި ބަދަލުތަކުގެ ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ހުށަހަޅުއްވާފައިވާ މި ބިލު ހުށަހަޅައި ބަހުސް ކުރިޔަށް ގެންދިޔައީ މިއަދުގެ ޖަލްސާގަ އެވެ. އަދި ބަހުސް ނިންމާލައި، ބިލު ބަލައިގަތުމާއި މެދު ވޯޓަށް އެހުމުން ސަރުކާރުގެ ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވީ ބިލު ބަލައިގަތުމަށް ފެންނަ ކަމަށެވެ.

އެގޮތުން ބިލާއި އެއްކޮޅަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު، މި އިސްލާހު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުންނާއި، ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކާ ގުޅޭ ހަމަތަކެކެވެ. އެގޮތުން ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް ބިލުގައި ވެއެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ.

ބިލުގައިވާ ގޮތުން މި އިސްލާހަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން، ބިލުގައި ބަޔާން ކުރާ ހަމަތަކާއި ތައާރުޒުވާ އެފަދަ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ، އެ އިސްލާހަށް އަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި އެފަދަ ވިޔަފާރި ހުއްޓާލަން ޖެހޭނެ އެވެ.

ބިލުގައި ބުނެފައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް ދޫކުރާ އާމްދަނީއާ ބެހޭ ގޮތުން، އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ދޫކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށެވެ. އަދި އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ އެވެ.

މީގެއިތުރުން ލޯކަލް ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުގެ ދަށުން ނޫނީ ބައެއް ކަންކަން ފުރިހަމަކޮށްގެން ނުވާނެކަމަށް ވެއެވެ.

އޭގެ ތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސޯސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުމުގެ އިތުރުން ކައުންސިލްތަކުން އެކަހަށައެޅިފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ބައިތަކެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅުގެ މެމްބަރުން ބިލާއި ދެކޮޅު ހައްދަވައި ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކަމަށެވެ. އަދި މި ވެރިކަން އުފެދުނު ފަހުން ކައުންސިލްތަކަށް އުނދަގޫވާ ގޮތަށް ގިނަ އިސްލާހުތައް ގެނެސްފައިވާކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އިސްލާހު ހުށަހެޅުމާއި އެކު، ބިލާއި ދެކޮޅަށް އެންމެ ފުރަތަމަ ވެސް ވާހަކަ ދައްކަވަމުން ގެންދެވީ އެމްޑީޕީ އެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް އެމްޑީޕީގެ ވެރިކަމުގައި ރަނގަޅު އިސްލާހުތަކެއް ގެނެވުނު ކަމަށެވެ. އޭގެ ސަބަބުން ކައުންސިލްތައް ފަންކްޝަން ކުރަމުން ދިޔައީ ވަރަށް ރަނގަޅަށްކަމަށާއި، އަދި ނަތީޖާ ފެންނަން ފަށާފައި ވަނިކޮށް މި ސަރުކާރުން އިސް ކުރީ މަރުކަޒީ ވިސްނުމެއްކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ތުހުމަތު ކުރާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ހަރަދު ބޮޑުވުމުގެ ނަމުގައި ކައުންސިލް މެމްބަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓާއި ގުޅޭ ހަރުކަށި އުސޫލުތަކެއް ގެނައުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: