އދ. އަތޮޅުގެ ފަރަކަށް އެރި ޔޮޓެއް ޖޫރިމަނާކޮށްފިއެވެ.
މި ހާދިސާގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވަނީ 4.8 މިލިއަން ރުފިޔާއިންނެވެ. ޖޫރިމަނާކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މައުލޫމާތު ދީފައިވާ ގޮތުގައި ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓުގެ ލޯކަލް އެޖެންޓުގެ ގޮތުގައި ރާއްޖެ އައި ޓެމްޕަލް މެރިން އެލްޓީޑީގެ ”އެމްވައި ބިގް ފިޝް“ މިދިޔަ އޭޕްރީލް 28 ގައި ފަރަށް އެރުމުން ޖެހިގެން އައި ދުވަހު އެ އުޅަނދު ފުންކޮށްފައިވާކަމަށެވެ.
ގެއްލުންތައް ބަލާފައިވަނީ އެ އުޅަނދުގެ ވެރިފަރާތުން ހަމަޖެއްސި ސާވެޔަރުންނާއިއެކުކަމަށްވެސް އީޕީއޭއިން ބުންޏެވެ. ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓު ސާވޭއެއް ހަދާފައިވަނީ ޖޫން 4 ގައެވެ. މި ހާދިސާގައި ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ބުންޏެވެ.
މިހެން ކުރާ ޖޫރިމަނާތައް ނުދައްކާ މައްސަލަތައް ވަރަށް ގިނައެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ އެކިއެކި މައްސަލަތަކާ ގުޅިގެން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ފައިސާ ނުދައްކާ މައްސަލައިގައި އީޕީއޭގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ، ފައިސާ ހޯދުމަށް ދަތިތައް ކުރިމަތިވާކަމަށް ބެލެވޭ ސަބަބުތައް އެބަހުރިކަމަށެވެ. އެގޮތުން އޭގެ ތެރޭގައި ޖޫރިމަނާއެއް ކުރުމުންވެސް ރާއްޖޭގެ ސަރަހައްދުގައި އެއްވެސް ހުރަހެއް ނެތި އޮޕަރޭޓްކުރަމުން ގެންދިއުމަށް ފުރުސަތު އޮތުން ހިމެނޭކަމަށް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ ޖޫރިމަނާކުރުމުން އެ ކުންފުނީގެ މަސައްކަތްތަކަށް އެއްވެސް މިންވަރަކަށް ބުރުނާރާ ޖޫރިމަނާކުރި އުޅަނދު ނޫން އެހެނިހެން އުޅަނދުތައް މެދުވެރިކޮށް ކުރަމުންދާ ވިޔަފާރީގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދައްކަން ޖެހޭ ނަމަވެސް، ސަރުކާރުގެ ފަރާތުން އެ ކުންފުނިތަކަށް ދޭންޖެެހޭ ފައިސާވެސް ބަރާބަރަށް ދައްކަމުންދާކަމަށާއި، އެހެންކަމުން ޖޫރިމަނާއެއް ކުރުމުން އެފަދަ ކުންފުނިތަކަށް މާ ބޮޑު ހުރަހެއް ކުރިމަތިވެގެން ނުދާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އުޅަނދުތަކުގައި ހުންނަނީ ވަރަށް ކުޑަ އިންޝުއަރެންސެއް ކޮށްފައިކަމަށާއި އެގޮތަށް ދިމާވަނީ ރާއްޖެއަށް އަންނަ ކޮމާޝަލް އުޅަނދުތައް އިންޝުއަރ ކުރުވުމަށްޓަކައި އެކަށީގެންވާ ވަރުގެ އުސޫލުތަކެއް ހެދިފައި ނެތުމުގެ ސަބަބުންކަމަށެވެ.

