ޤާނޫނުތައް ތަންފީޒުކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދޭނީ މަކަރު ހަދައިގެން ކުރާ އެކިއެކި ވިޔަފާރިތައް ހުއްޓުވިގެންކަމަށް ކުރެންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާމިން ޙަބީބު ވިދާޅުވެއްޖެއެވެ.
ޝާމިން އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާމިން ވިދާޅުވީ، ރަނގަޅަށް ވިޔަފާރިކުރާ ފަރާތްތަކުން ބަރާބަރަށް ޓެކްސް ދައްކަމުންދާ ކަމަށާއި، ނަމަވެސް ގިނަ ފައިސާ ގެއްލިގެން ދަނީ ދިވެހިންގެ ނަމުގައި ބޭރު މީހުން ކުރާ އެކިއެކި ވިޔަފާރިތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އެކި ނަންނަމުގައި ވިޔަފާރިކޮށް އެތައް މިލިއަން ޑޮލަރެއް މަހެއްގެ މައްޗަށް ގެއްލެމުންދާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އެހެންވުމުގެ ސަބަބުން ރަނގަޅަށް ވިޔަފާރިކުރާ ދިވެހިންނަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
ޤާނޫނެއް ހެދިޔަސް އެ އިމްޕްލިމެންޓް ކުރެވޭނީ އަދި އެ ފައިސާ ދައުލަތަށް ވަންނާނީ މަކަރު ހަދައިގެން ކުރާ ވިޔަފާރިތައް ހުއްޓުވިގެން.
ޝާމިން އިތުރަށް ވިދާޅުވީ، ޤާނޫނު އިސްލާޙު ކުރުންވެސް މުހިއްމު ކަމަށާއި، ނަމަވެސް ޤާނޫނުތައް ތަންފީޒު ކުރެވޭނެ އެކަށީގެންވާ ރަނގަޅު ނިޒާމެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން ޓެކްސް ދައްކާ ފަރާތްތަކާއި ނުދައްކާ ފަރާތްތައް ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫންކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ދިވެއްސެއްގެ ނަމުގައި ބިދޭސީއަކު ވިޔަފާރި ކުރާ ޙާލަތްތަކުގައިވެސް އެކަންކަން ދެނެގަނެވޭނެ ނިޒާމުތަކެއް އެބަހުރި ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މީރާއިންވެސް ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށް އުއްމީދު ކުރެވޭކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މިއީ މީގެ ކުރިން އިހުމާލުވެފައިވާ ދާއިރާތައްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މީރާއިންވެސް ގިނަ ފަހަރު ގޮސްފައިވަނީ ފައިސާ ދައްކާ މީހުންގެ ފަހަތުން އެކަނި ކަމަށެވެ.
އެހެންކަމުން މިކަންކަން ބަލައި ޗެކްކޮށް، ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ކުރާ މީހުން ދެނެގަނެ ފިޔަވަޅު އެޅުމަކީވެސް މުހިއްމު ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ކުރިއަށް އޮތް ތަނުގައި އެކަންކަން އިތުރަށް ހަރުދަނާކޮށް ވިޔަފާރިތައް މޮނިޓަރ ކުރުމަށް މީރާއަށްވެސް އިލްތިމާސް ކުރައްވާފައެވެ.

