ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައިދެއްވުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމްވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން ރައީސް ޑރ މުއިއްޒުއަށް ފޮނުއްވި މަޖިލީހުގެ ރަސްމީ ސިޓީއެއް ސޯޝަލްމީޑިއާގައި އާންމުކުރައްވާފައެވެ. ސިޓީގައިވާގޮތުން އެ ގުރޫޕުންވަނީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމުގެ ގޮތުންނާއި ޖަވާބުދާރީކުރުވުމުގެ ގޮތުން އަދި ގާނޫނުއަސާސީން ލާޒިމުކޮށް ސަރުކާރުގެ ވުޒާރާތަކަށް މަތިކޮށްފައިވާ ޒިންމާތަކާއި ރައީސް ޑރ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ގޮތުން ކުރަމުންދާ ކަންކަން ބެލުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިކަމަށެވެ.
މެމްބަރު މުހައްމަދު ވިދާޅުވީ، ހިނގަމުންދާ އަހަރަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށްޓަކައި ލިޔުމުންނާއި އަނގަބަހުންވެސް ވަޒީރުންނާއި ސުވާލުކުރުމުގެ ގޮތުން އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވާނެކަމަށެވެ. ނަމަވެސް މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެކަމުން ބަރީއާވެ ދުސްތޫރީ ވާޖިބުތަކަށް އަދާކުރުމަށް ވަޒީރުން ހުރަސްއަޅަމުންދާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ވަޒީރުން އައްޔަނުކުރުމާއި ވަކިކުރުން އަދި ފިޔަވަޅު އެޅުމަކީވެސް ގާނޫނުއަސާސީން ރައީސްއަށް ލިބިދީފައިވާ ބާރެއްކަމަށްވުމުން މަޖިލީހުގެ ވާޖިބުތައް އަދާކުރުމަށް ހުރަސް އަޅަމުންދާ ވަޒީރުންނާއިމެދު ފިޔަވަޅު އެޅުން އެމަނިކުފާނުގެ މައްޗަށް ލާޒިމުވެގެންދާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރުވަނީ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ގާނޫނުއަސާސީއަށް ތަބާވާކަން ކަށަވަރުކޮށްދެވުމަށްވެސް އެދިވަޑައިގެންފައިވާއިރު މި ސިޓީގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ހުރިހާ މެމްބަރުން ސޮއިކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

