އިނގިރޭސިވިލާތުގައި ޖިންސީ ކުށެއްގައި ހުކުމްކުރި ސުންދަރްލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއް ނޫންކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މަގުބޫލު ޝަހުސިއްޔަތަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކުރި މީހެއްކަމަށްވާ ސުންދަރްލިންގަމް ކޫންޑަލިންގަމްއަކީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ބޭރުގެ ބައެއް ނޫސްތަކުން މައުލޫމާތު ދައުރުކުރަމުންދިއުމާއި ގުޅިގެން އިމިގްރޭޝަނުންވަނީ ކަމުގެ ހަގީގަތް ސާފުކޮށްދީފައެވެ. އޭނާއަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވާ މީހެއް ނޫންކަމަށް އިމިގްރޭޝަނުން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.އެ މުއައްސަސާއިންވަނީ މިފަދަ މައްސަލަތަކުގައި ފަރުވާލެއް ނެތި ނުވަތަ ހަގީގަތް އޮޅިގެންދާގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
އިނގިރޭސި ބައެއް ނޫސްތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާއަކީ ދިވެހި ރައްޔިތެއް ކަމަށް ބުނެފައިނުވާކަން ފާހަގަކުރެވެއެވެ. ނޫސްތަކުގެ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާގައި ތައުލީމީ ހަޔާތެއް ހޭދަކުރުމުގެ އިތުރުން އޭނާ އިނގިރޭސިވިލާތަށް ހިޖުރަކުރީ ދިވެހިރާއްޖޭގައި ދިރިއުޅެމުން އައުމަށްފަހުކަން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

