ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމްތަަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ އިއުލާނުގައިވާގޮތުން، މި ލިންކަކީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާކަމަށެވެ. އަދި އެ މެސެޖުގައި، ”ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީއިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ“ ކަމަށް ބުނެއެވެ.
ފުލުހުން ބުނީ، މިއީ ސައްހަ ނޫން މެސެޖެއް ކަމަށާއި، މި ސްކޭމު މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު އެފަދަ ލިންކުތަކުގެ ޝިކާރައަކަށް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެފަދަ ލިންކުތަކަށް ކްލިކްކުރާ މީހުން އިތުރުވެގެންދިޔުމަކީ އެކަށީގެންވާކަމަށްވާއިރު، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސަށް ބޯލަނބާ، އެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަމެއް ދިނުމަކީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިއްމުކަމެކެވެ.

