ރާއްޖެއިން ދަނީ ސިންގަޕޫރާއެކު އިތުރު އެއްބާރުލުމުގެ ދޮރުތައް ހޯދުމަށް މަސައްކަތްކުރަމުން، ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ތާމަން ޝަންމުގަރަތްނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޯންގަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ސިންގަޕޫރަކީ މިއަދު ވެސް އެ ގައުމުގެ މަތިވެރިކަން ދަމަހައްޓާ، އަމާންކަމާއި ފާގަތިކަން ލިބިގެންވާ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން ވަނީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެ، ދެ ގައުމަށް ފައިދާވާނެ ގޮތަށް ފުޅާވެފައެވެ.
”ދިވެހިރާއްޖެއިން ދަނީ ސިންގަޕޫރާއެކު އިތުރު އެއްބާރުލުމުގެ ދޮރުތައް ހޯދުމަށް މަސައްކަތްކުރަމުން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ދެ ގައުމުގެ ގުޅުން ވަނީ އެކި ދާއިރާތަކުން ވަރުގަދަވެފައެވެ.

