2027ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތައް ނިމިގެންދިއުމަށް އެމްޑީޕީގެ މެމްބަރު ނޭދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކެނޑި ބައިސާތަކުގެ ސަބަބުން މި ވެރިކަން ފެށުނުއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުންފަދަ އެއްވެސް މަސައްކަތްތަކެއް ކުރަން ބާކީ ނޯންނާނެކަމަށް ގަބޫލުކުރެއްވިކަމަށެވެ.
މެމްބަރު ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތްތައް ކުރަންޖެހޭނެ ރަށެއްވެސް ނޯންނާނެކަމަށް ދެކިވަޑައިގެންނެވިކަމަށާއި ބަނދަރެއް ބިނާކުރަންވެސް ނުޖެހޭނެކަމަށް ދެކިވަޑައިގެން އެކަމަށް ޝުކުރުކުރެއްވުނުކަމަށެވެ. މެމްބަރު ވިދާޅުވީ، މަގުތައް ހެދުން ފަދަ މަސައްކަތްތައް އެއްކޮށް ފުރިހަމަކުރެވިފައިވާކަމަށް ބުނަމުންދިއުމުގެ ސަބަބުން މި ވެރިކަމުގައި ދެން ކުރަންޖެހޭނީ އެއަށްވުރެ ބޮޑެތި މަސައްކަތްތަކެއްކަމަށް ދެކިވަޑައިގެންނެވިކަމަށާއި ނަމަވެސް އައިސް ބެލިއިރު ކަން އޮތީ އެގޮތަށް ނޫންކަމަށެވެ.
މުސްތަފާ ވިދާޅުވީ، ހަގީގަތަށް ބަލާއިރު ރާއްޖޭގެ ގިނަ ރަށްތަކުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައްވެސް ފުރިހަމަކުރެވިފައި ނެތްކަމަށެވެ. އެހެންކަމުން އެކަންކަން ފުރިހަމަަކުރަން މިހާރުގެ ސަރުކާރަށް ލާޒުމު ކަމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އެ ވައުދުފުޅުގެ މަތިންކަމަށާްވާއިރު މިއަދު ގާނޫނަކުން 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ނިންމާފައިވުމުން އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރެވިފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މިފަދައިން ވެރިއަކަށް ހުންނަ މީހަކަށް ގާނޫނަކުން މިކަންކަން ކުރިއަށް ގެންދަން މަޖުބޫރުކުރެވިފައި ނެތްކަމަށާއި ކުރިން އޮތީ ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ކުރަންވާނެ ވާހަކަ ކަމަށެވެ. މުސްތަފާ ވިދާޅުވީ، މިހާރު އޮތީ ގާނޫނަކުން ދުވަސް ކަނޑައެޅިފައިކަމަށާއި 2027 ވަނަ އަހަރު ނިމެންވާއިރު ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ފުރިހަމަކުރަން ރައީސް ޑރ މުއިއްޒުއަށް މަޖިލީސް މެވެރުކޮށް ލާޒުމުކޮށްފައިވާކަމަށެވެ.
އެ ގާނޫނު ފާސްކުރީ ރައީސް އަމިއްލަފުޅަށް ބޭނުންފުޅުވެގެން ފަރުމާކުރުމަށްފަހު މަޖިލީހަށް ފޮނުއްވުމުންކަމަށާއި އެހެންކަމުން ގާނޫނުން ލާޒިމުކުރުމުން ވައުދުފުޅަކަށްވުރެވެސް އިސްކަމެއްގެ ގޮތުގައި އެމަނިކުފާނަށް މި މަސައްކަތްތައް ކުރިއަށް ގެންދިއުން މުހިންމުވެގެންދާނެކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީން ހުށައެޅިނަމަވެސް ރައްޔިތުންނާއި ގުޅުންހުރި ކަމެއް ނަމަ ޕީއެންސީގެ ޕީޖީ ގުރޫޕުން ބަލައިގަނެ ތާއީދުވެސް ކުރާކަން ފެނިގެންދާކަމަށާއި ނަމަވެސް މި ގާނޫނު ފާސްކުރުމަށް އެމްޑީޕީގެ 12 މެމްބަރުން ވޯޓު ނުދެއްވިކަމަށެވެ.
މެމްބަރު ވިދާޅުވީ 2027 ވަނަ އަހަރު ޖެހޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުވެފައި އޮންނަން އެ ޕާޓީގެ މެމްބަރުން ބޭނުން ނުވިކަމަށާއި އެކަން ސާފުކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެކި ފަރާތްތަކާއި ކޮންޓްެރެކްޓުތައް ހަވާލުކުރިނަމަވެސް އެޑްވާންސް ފައިސާއަށް ވީގޮތެއް ނޭނގޭކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޖެޓު އިންތިޒާމުކުރެވިފައިނުވާއިރު މަސައްކަތްތައް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެ ދައުރުގައި ކަންކަން ހުއްޓުމަކަށް އައިސްފައި ހުރިކަމަށެވެ.

