ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙާއިއެކު، ކޮރަޕްޝަނުގެ އެތައް ދޮރެއް ބަންދުވެގެންދާނެކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިފާން ވިދާޅުވި ގޮތުގައި މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށައަޅާ، ފިޔަވަޅުތަކެއް އަޅާފައި މިވަނީ ރައްޔިތުންގެ ފައިސާ އަމިއްލަ އަދި ސިޔާސީ މަންފާއަށް ބޭނުންކުރުވުން ހުއްޓުވުމުގެ ގޮތުންކަމަށެވެ.
ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމާފައިވާ އިސްލާހު ފާސްކޮށް މިހާރު ވަނީ ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާއަށް ފޮނުއްވާފައެވެ. މި އިސްލާހުގައިވާ ގޮތުން ދައުރުގެ ފަހު އަހަރު އެއްވެސް އާ މަޝްރޫއެއް ނުފެށޭނެއެވެ. އަދި ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް އިސްލާހުގައިވެއެވެ.
އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބިލުގައި ބަޔާންކުރެއެވެ.
އައިފާން ވިދާޅުވި ގޮތުގައި މި ބަދަލުތަކާއިއެކު ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެން ދާނެއެވެ. މި އިސްލާހާއިއެކު ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވާނެކަމަށްވެސް އައިފާން ވިދާޅުވިއެވެ.
ރައްޔިތުންގެ ތަރައްގީއަށްޓަކައި ހިންގަމުންދާ މަޝްރޫއުތައްވެސް، ރައްޔިތުންނަށް އޭގެ އެންމެ މަންފާ ކުރާނެ ގޮތަށް ކުރެވުމުގެ ދޮރު މި ގާނޫނާއި އެކީ، މި ގެނެވޭ އިސްލާހާއިއެކީ ހުޅުވިގެންދާނެ.
އައިފާން ވިދާޅުވިއެވެ.
އައިފާން ވިދާޅުވީ އާންމު ރައްޔިތު މީހާ ދެމުން ގެންދާ ހިދުމަތްތަކާއި، ކުރަމުން ގެންދާ ވިޔަފާރީގެ ތެރެއަށް ކައުންސިލްތަކުން ވަދުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ގެއްލުވާކަމަށެވެ. ކައުންސިލްތަކުގެ ކުންފުނިތަކުން ކުރާ ވިޔަފާރި ހަނިވެގެން އައިސްފައިވަނީ އެކަން ހުއްޓުވުމުގެ ގޮތުން އެޅު ފިޔަވަޅާއިއެކުކަމަށް އައިފާން ވިދާޅުވިއެވެ.
އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި މި ގޮތަށް ކައުންސިލްތަކަށް ވިޔަފާރިކުރުމަށް އޮންނަ ބައެއް ފުރުސަތުތައް ބަންދުކުރި ނަމަވެސް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވުމަށް އެއްވެސް ކަހަލަ ދައްޗެއް ނުވާނެއެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭކަމަށާއި، ނަމަވެސް އެފައިސާ ހަރަދު ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް އައިފާން ވިދާޅުވިއެވެ. އަދި އަމިއްލަ ބޭނުންތަކަށްވެސް އެފައިސާ ބޭނުންކުރާކަމަށްވެސް އައިފާނެ ވިދާޅުވިއެވެ.

