ރައީސް ސޯލިހްގެ ސަރުކާރުން ފައިސާ ޗާޕު ކުރި ވާހަކައަކީ އެއީ ސިއްރެއް ނޫން ކަމަށާއި، ރިޔާސީ އިންތިހާބުގައި އެކަން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު މައުރޫފް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރެގިއުލޭޓް ކުރެވެން ޖެހޭ ކަމަށެވެ. އެހެނަމަވެސް މިއަދަށް ނަޒަރު ހިންގާލާއިރު، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޑޮލަރުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި، އަދި ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމުން އެކަންވެސް ވަމުންދިޔަ ކަމަށާއި، އެހެންނަމަވެސް ޑޮލަރު މައްސަލަ ހަލު ނުވި ކަމަށް މައުރޫފް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ އިތުބާރު ގެއްލުނީ ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބުން ކަމަށް މައުރޫފް ވިދާޅުވިއެވެ. ކަމާގުޅޭ ހުރިހާ ފަރާތްތަކާއިއެކީގައި މަޝްވަރާކޮށްގެން ވަށައިޖެހޭ ގޮތެއްގައި ނުވަތަ ދެކޮޅު ޖެހޭ ސިޔާސަތުތަކެއް ނުގެންނެވީ ކީއްވެގެންތޯ މެމްބަރި ސުވާލު އުފެއްދެވިއެވެ.
”ރައީސް މުއިއްޒު އަތުގައި ކޮން ބާރެއް ނެތީ ތޯ. މިސާލަކަށް އަޅުގަނޑު މި ދަންނަވާހެން. އަޅުގަނޑު ދުށިން ސޯޝަލް މީޑިއާގައި ލިޔެފައި އޮތް ކޮމެންޓެއްގައި މި ރާއްޖެއަށް އަންނަ ހުރިހާ ޓޫރިސްޓުން އަންނަ ތަނުން ޖެހޭނީ ޑޮލަރު އެހެން ގައުމުތަކުގައި އޮންނަ ގޮތަށް މާރު ކުރާށޭ. މާރުކޮށްފައި ހުރިހާ މުއާމަލާތެއްގައި ބޭނުން ކުރަންޖެހޭނީ ދިވެހި ރުފިޔާއޭ. އަދި ރިސޯޓަކަށް ޕޭ ނުކުރިޔަސް ވެސް. ގެންސްޓް ހައުސްއަކަށް ޕޭ ކުރިޔަސްވެސް ޕޭ ކުރަންޖެހޭނީ ދިވެހި ރުފިޔާއިން ކޭޝް ކަމުގައި ވާނަމަ ނުވަތަ ޑޮލަރުންނޭ. އެ ހުރިހާ މުއާމަލާތްތަކެއް ހިނގަންޖެހޭނީ ދިވެހި ރުފިޔާއިންނޭ. އަދި ރާއްޖޭގެ ތެރޭގައިވެސް، ރާއްޖޭގެ ކުދި ވިޔަފަރި، އާއްމު ވިޔަފާރީގެ ތެރޭގައިވެސް އެއްވެސް ވަރަކަށް ޑޮލަރު ބޭނުން ކުރެވިގެން ނުވާނެއޭ. ބޭނުން ނުކުރެވޭ ކަމުގައި ވާނަމަ ހުރިހާ ޑޮލަރެއް މާރުވެގެން އަންނާނީ ބެންކަށޭ“
މައުރޫފް ވިދާޅުވީ އަދިވެސް ސަރުކާރުން މި މައްސަލައިގައި ބްލޭމް ކުރަން އުޅެނީ ކުރީ ސަރުކާރު ކަމަށެވެ. ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ދަނީ އެ ވާހަކަ ދައްކަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ. ސަރުކާރުން ހުރިހާ ކަމެއްވެސް ކުރީ އަމިއްލައަށް ކަމަށާއި އެހެންނަމަވެސް ޑޮލަރުގެ މައްސަލަ ހައްލު ނުވުމުން، ކިޔަނީ ”ކުރީ ސަރުކާރު“ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ހުރިހާ ކަމެއް ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބަދަލު ކުރަން ފުރުސަތު ދެއްވައިގެން ކަމަށެވެ.

