ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސި ސަރުކާރުން އެމްއޭސީއެލްއަށް އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާކޮށްފި

އިނގިރޭސި ސަރުކާރުން އެމްއޭސީއެލްއަށް އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާ ކުރުން/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާކޮށްފި އެވެ.

އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން އެ ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބް އެވެ.

އެމްއޭސީއެލްގެ ފަރާތުން އެ ފިލައާއި ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި އިނގިރޭސި ހައިކޮމިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވައްހާބް ވިދާޅުވީ، ބޭރު ގައުމުތަކުގައި އުޅޭ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެގޮތުން އެމްއޭސީއެލް އަށް މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖެއަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސި ވިލާތުގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިއަދު ފޯރުކޮށްދިން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރު ވެގެންދާނެ، މިއީ އެމްއޭސީއެލް އާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް

ވައްހާބް ވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަ ކުރުމަށް އެމްއޭސީއެލް އިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލް އަށް ހަދިޔާކުރި މި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.

މިއީ ރާއްޖޭގައި ގާއިކުރެވިފައިވާ އިނގިރޭސި ހައިކޮމިޝަނާއިއެކު މިއަހަރުގެ މެއި މަހުގައި ބޭއްވުނު ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: