”ހާލު ކިހިނެއް“ ޕްރޮގުރާމު 15 އަތޮޅަކަށް ތައާރަފުކުރެވިއްޖެކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑު ފެމިލީ ޑިވެލޮޕްމަންޓުން ބުނެފިއެވެ.
މި ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، އެ ގޭބީސީގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައި، ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމު ކުރިއަށް ގެންދިޔުމުގައި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކުގެ އިތުރުން އަންހެހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުން ހިމެނެއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު، މަރިޔަމް ލަހްފާ ވިދާޅުވީ، އެންމެ ފަހުން ހާލު ކިހިނެއް ޕްރޮގުރާމު ކުރިއަށް ގެންގޮސްފައި ވަނީ، ދ. އަތޮޅުގައިކަމަށެވެ. އަދި، އެ އަތޮޅުގެ ހުރިހާ ރަށްތަކަށް ޕްރޮގްރާމް ހިންގާފައިވާކަމަށް ލަހްފާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ 15 އަތޮޅަކަށް، މި ޕްރޮގުރާމް ތައާރަފުކުރެވިފައިވާނެކަމަށް ވެސް ލަހްފާ ވިދާޅުވިއެވެ.
ލަހްފާ ވިދާޅުވީ، ދ. އަތޮޅުގެ ގިނަ ރަށްރަށުގެ ގޭބީސީތަކަށް ޒިޔާރަތްކުރެވިއްޖެކަމަށާއި، އެ އަތޮޅުގެ ބައެއް ރަށްތަކުގެ 95 އިންސައްތައަށް ވުރެ ގިނަ ގޭބީސީތަކަށް ޒިޔާރަތްކުރެެވިއްޖެކަމަށެވެ. އަދި، އެ އަތޮޅުގައި ޒިޔާރަތްކުރި ގޭބީސީތަކުގެ ތެރެއިން، އެންމެ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް މި ވަގުތު ކުރަމުންދާކަމަށް ލަހްފާ ވިދާޅުވިއެވެ.
ހާލު ކިހިނެއް ޕްރޮގުރާމުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ ލަހްފާ ވިދާޅުވީ، ހާލު ކިހިނެއް ޕްރޮގުރާމު ފެށިގެން، މިއަދާ ހަމަޔަށް 15،000އަށް ވުރެ ގިނަ ގޭބީސީތަކަށް ޒިޔާރަތްކުރެވިއްޖެކަމަށެވެ. އަދި، ގޭބީސީތަކަށް ޒިޔާރަތްކޮށް، މިނިސްޓްރީއަށް ރިޕޯޓުކުރަންޖެހޭ ހާލަތްތަކާއި، ރިޕޯޓުކުރަންޖެހޭ ހޮޓްލައިންތަކުގެ މައުލޫމާތު ފޯރުކޮށްދެވުނުކަމަށް ލަހްފާ ވިދާޅުވިއެވެ.

