ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްޓަކައި ވެރިކަމުގެ މުއްދަތު ދަންމާލުން މުހިއްމުކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ދެނޯގެ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ، ދިވެހިރާއްޖެއަކީ އެންމެގިނައިން އިގްތިސާދަށް ޑޮލަރު ވަންނަ އެއް ޤައުމު ކަމަށާއި، ޑޮލަރުގެ ދަތިކަމުގެ މައްސަލަ ޙައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
އުއްޗު ވިދާޅުވީ، ޑޮލަރު ލިބުން ދަތިވާ މައްސަލަ ރާއްޖޭގައި އެބައޮތް ކަމަށާއި، އެހެން އެކަން ދިމާވާ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން ރަށްރަށަށް ބޭނުންވާ އެކިކަންކަން ސަރުކާރުތަކުން ކޮށްދޭން ޖެހޭއިރު، ރާއްޖޭގެ ރައްތަށް ޤުދުރަތީ ގޮތުން އުފެދިފައިވާ ގޮތުން އެކަމުގައި ބޮޑެތި ޚަރަދުތައްވެސް ހިނގާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، އެ ހުރިހާ ޚަރަދެއްވެސް ކުރަނީ ދައުލަތުންކަމަށްވާއިރު، ދައުލަތުގައި އެ މިންވަރަށް ފައިސާ ނުހުންނަކަމަށް އުއްޗު ވިދާޅުވިއެވެ. އެހެންކަމުން ގިނަ ފަހަރު ބޭރުގެ ލޯނުތަކަށް ބަރޯސާވާން ޖެހޭ ޙާލަތްތައް އަންނަކަން ފާހަގަ ކުރައްވައި އުއްޗު ވިދާޅުވީ، 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި ގިނަ ފަހަރު އެކަންކަން ނިންމައި ނަތީޖާ ޙާސިލު ނުކުރެވޭ ކަމަށެވެ.
200 ވަރަކަށް ރަށުގައި މީހުން ދިރިއުޅޭއިރު، އެ ހުރިހާ ތަނަކަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭ
ހަމައެއާއެކު، އަވަސް އަރުވާލައިގެން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުތަކުން ލޯނު ނެގުމުގެ ނަތީޖާއަކަށް ވެގެންދަނީ ދައުލަތުގެ ޚަރަދުތައް މެނޭޖް ނުކުރެވި، އިތުރު ޚަރަދުތައް ދައުލަތުގެ މާލިއްޔާއިން ކުރަން ޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.
ދެންޖެހެނީ ތެޅިގަނެގެން ލޯނުތަކާ އެއްޗެހި ނަގައިގެން ކަންކަން ކުރަން
އުއްޗު ވިދާޅުވީ، ރާއްޖެއިން ބޭރުން ލޯނު ނަގައިގެން އެ ލޯނުތައް އެކި މަޝްރޫއުތަކާ ގުޅުވާލާ ކަމަށާއި، އެ މަޝްރޫއުތަކުގެ ދަށުން ރާއްޖެ އަންނަ މަސައްކަތްތެރިން ރާއްޖެއަށް މަޝްރޫޢުތައް ހިންގުމަށް އައިސް ކުރާ މަސައްކަތްތަކަށް ފައިސާ ދައްކަންޖެހެނީވެސް ޑޮލަރުންކަމަށެވެ. އަދި މިއީ ރައްޖެއަށް ވަންނަ ޑޮލަރުގެ ބޮޑުބައެއް ބޭރުވަމުންދާގޮތްކަމަށްވެސް އުއްޗު ވިދާޅުވިއެވެ.
ކަން މިހެން ހުރުމާއެކު، ވެރިއަކަށް ހަމަޖެހިލައިގެން ޤައުމު ހިންގޭނީ ވެރިކަމުގެ މުއްދަތު 10 ނުވަތަ 15 އަހަރަށް ދީގެންކަމަށް ގަބޫލުކުރައްވާކަމަށް އުއްޗު ވިދާޅުވިއެވެ. ސަބަބަކީ އެއީ ރާއްޖެ އޮންނަގޮތުން ވެރިއަކަށް ހުންނަވާ ބޭފުޅަކަށްވެސް މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ރަނގަޅު މުއްދަތެއް ލިބިގެންކަމުގައިވާތީކަމަށް އުއްޗު ވިދާޅުވިއެވެ.
ހަމައެއާއެކު، ވެރިކަމުގެ ދައުރު 5 އަހަރު ކުރުކަން ފާހަގަކުރައްވަމުން އެހާ ކުރު މުއްދަތެއްގައި ގިނަ ކަންކަން ކުރަންޖެހި މެނޭޖްކުރުމަށް އޮންނަ ދަތިތަކުގެ ސަބަބުން ހަރަދުތައް އިންތިހާއަށް މައްޗަށްގޮސް އިތުރު ގޮންޖެހުންތައްވެސް ކުރިމަތިވަމުން އަންނަކަމަށް އުއްޗުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

