ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ކޮމްޕޮޒިޝަނުން ޝަރުއީ ނިޒާމް ވަނީ ހަލާކު!

#AharengeHiyaalu: JSC ge Memberun ekulavaalaafaivaagothun sharuee nizaam vany halaaku!
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނެެއް އޮންނަށްޖެހޭކަން އެންމެންވެސް ދަނެއެވެ. ޤާނޫނު އަސާސީގެ 157 ވަނަ މާއްދާގައިވެސް ބުނަނީ އެ ކޮމިޝަން އޮންނަންޖެހޭނެކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުުއައްސަސާއަކަށް ވާންޖެހޭ ހިނދު އެ އެ ކޮމިޝަނުގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް ބިނާވާންޖެހެނީ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަހިލިހުން ފާސްކުރާ ގާނޫނާ އެއްގޮތް ވާގޮތުގެ މަތިންނެވެ.

ޖޭއެސްސީއަކީ ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތެވެ. އެހެންކަމުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ ހުރިހާ ކޯޓުތަކާއި ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖޭއެސްސީގެ އިހުތިސޯސް ހިނގާނެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަލާއިރު އެ ކޮމިޝަނުގައި 10 މެމްބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއް، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުންއިންތިޚާބުކުރާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުންކަނޑައަޅާ މެންބަރު، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތް، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތް، ބަންޑާރަ ނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރާ ޤާނޫނީވަކީލެކެވެ.

ޖޭއެސްސީގެ މަސްއޫލިއްޔަތު ތަކާއި އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުތަކަށް ބަލާއިރު އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެންފަނޑިޔާރުން އައްޔަންކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެވޭނެއެވެ.

ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެފަރާތްތަކާމެދު އަޅާންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުންވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅާންޖެހޭ ފަރާތްތަކަށްއެފަދަ މީހުން މަޤާމުން ވަކިކުރުމަށް ހުށަހެޅުމަކީވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ 10 މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

އެހެން ނަމަވެސް މިއަދު ކުރެވޭ ސުވާލަކީ ޖޭއެސްސީގެ މެމްބަރުންގެ ޒިންމާ އަދާކުރުމާއިމެދު ކުރެވޭ ސުވާލެވެ.

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ފިޔަވަޅު އަޅައި އެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންންގެ މަޖިލީހަށް ފޮނުވުމަކީ ޖޭއެސްސީގެ ޒިންމާއެކެވެ. ނަމަވެސް ފެންނަމުންދަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ފައިދާ ނަގައި އުސޫލުން ބޭރުން އިޖުރާއަތްތައް ފުރިހަމަކުރުމެއް ނެތި ޓާގެޓް ފަނޑިޔާރުންތަކެއް ކަތިލުމަށް މަސައްކަތްކުރާތަނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ނިޒާމްގެ ބޭނުން ހިފައި އުސޫލުގެ ތެރެއިން ކަންކުރެވެން އޮތްއިރު ނިޒާމްގެ ތެރެއަށް ވަދެ އުސޫލަކަށް ބެލުމެއް ނެތި ކަންކުރާ މަންޒަރެވެ.

ސަރުކާރުން ހިތްޕުޅާނުވެގެން އެއްލާލެވުނުކަމަށް ރައްޔިތުންގެތެރޭ ވާހަކަ ދެކެވޭ ކުރީގެ ފަނޑިޔާރު ޑީޑީ

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިގޮތަށް ކަންކަން މެދިވެރިވާން ދިމާވާ ސަބަބަކީ ޖޭއެސްސީގެ މެމްބަރުން އެކުލެވިގެންވާގޮތާއި އިންތިޚާބުވާ ގޮތް ގާނޫނީގޮތުންވެސް ހަމަނުޖެހޭތީއެވެ.

މިސާލެއްގެ ގޮތުން މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ މަޖިލިސް ރައީސްއަކަށް އަންނާނީ ޕްރޯ ގަވަރމެންޓް ބޭފުޅެކެވެ. ދެ ރައީސުންނަށް އެކުގައި މަސައްކަތްކުރަން ފަސޭހަވާނެއެވެ. އަދި މަޖިލިސް ރައީސާ، ޖޭއެސްސީއަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ މީހާއާއި، ، ބަންޑާރަ ނައިބު، އާދެ މި ތިން ބޭފުޅުންނަކީ ސަރުކާރު ފަޅީގެ 3 ބޭފުޅުންނަށް ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާނީ މެޖޯރިޓީ އަށް ނިސްބަތްވާ މެމްބަރެކެވެ. އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާނީ ކާކުތޯވެސް ނިންމާނީ މަޖިލީހުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ސަރުކާރުގެ ވިސްނުމާ ދެކޮޅު ހައްދަވަ އެހެން ޒާތަަކަށް އުޅުއްވަން ފައްޓަވައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް އޭނާ ހާޒިރުކޮށް ޝިފްޓް ޑިލީޓް ހަދާލެވޭނެއެވެ. އެހިސާބުން ސަރުކާރުކޮޅަށް އެ ލިބުނީ 6 މެމްބަރުންނެވެ.

ވަކީލުންގެ ތެރެއިން ސަރުކާރު ފަޅިއަށް ބަރުބޮޑުވަންޏާ ސަރުކާރު ފަޅިއަށް 7 ކަމަށް ބަލަމާ ހިނގާށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނީ އަދަދާއި ކަންކަން ނިންމުމުގައި ވޯޓު ދިނުމުގެ އަދަދަށް ބަލާލަމާތޯ؟

އެ ކޮމިޝަނަށް އެކޮމިޝަނުގެ ޖަލްސާއެއް ބޭއްވެނީ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ހާޒިރުވެ ތިބެގެންނެވެ. އަދި އެކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަަބިއްޔަތު އެކަމަކަށް ލިބިގެންނެވެ.

އެހެންކަމުން ސަރުކާރު ފަޅިއަށް 7 މެމްބަރުން އަރާތިބެފަ 3 މަރުހަލާގެ ކޯޓުގެ 3 މެމްބަރުން ދެން ވަންނާނީ ކޮންތާކަށްތޯ؟ އެ 3 މެމްބަރުން ވާނީ ރާޑީ ނޫންތޯ؟

މިދަންނަވާލީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ޖޭއެސްސީގެ މެމެބަރުން އެކުލެވިގެންވާގޮތުގެ މަސްހުނިގަނޑު މޮޑެވިފައި އޮންނާނެގޮތެވެ.

ކޮންމެ ސަރުކާރެއް އަޔަސް ދައުލަތުގެ 2 ބާރު ކަމަށްވާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އެކައްޗެއް ކިޔައިފިނަމަ ޖޭއެސްސީ ބޭނުންކޮށްގެން މުޅި އަދުލުގެ ނިޒާމް އެބަޔަކު ބޭނުންވާގޮތަކަށް ފަރުމާކުރެވޭނެއެވެ.

ފަނޑިޔާރުން ތިބޭނީ ދެދުވަހުން އެއްދުވަހު ހުން އަންނާނެކަމަށް ރަޖާ އަޅައިގެންނެވެ. މިހާރުވެސް ފެންނަ މަންޒަރަކީ ފިޔަވަޅު އަޅަންޖެހޭ ފަނޑިޔާރުންގެ ތެރެއިން ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ފަހު ގޭދޮށު ފެންޑާގައި އެކުގައި ރާޒުވާކުޅެން އުޅުއްވާ ފަނޑިޔާރުން ހާރޕިކް ޖަހާ ދޮވެ ސާފުކޮށް ޖުޑިޝަރީގެ ރޯނުގައި އަޅުވާ މަންޒަރެވެ. ދެން ޖޭއެސްސީގެ މިނިވަންކަމާ މުސްތަގިއްލުކަން ތިބޭފުޅުން ވަޒަންކޮށްލައްވާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: