ރެޑް ކްރެސެންޓު ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ޔުނިޓުތައް ހުރި ހުރިހާ ސަރަހައްދެއްގައި ބާއްވާނެ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.
ސަންގުޓިވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްއާރުސީގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ދިވެހި ރެޑް ކްރެސެންޓަކީ 7/2009ގެ ދަށުން އުފެދިފައިވާ ޖަމާއަތެއް ކަމަށެވެ. އާންމުކޮށް ހުރި ޖަމިއްޔާތަކާއި ހިލާފަށް އެމްއާރުސީ މަސައްކަތް ކުރަނީ ގާނޫނެއްގެ ދަށުންކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި ބުނީ 2004 ގެ ސުނާމީގައި ރާއްޖޭގައި ބައިނަލްއަގުވާމީ ވަރަށް ގިނަ ޖަމިއްޔާތަކުން އިންސާނީ އެހީތެރި ކަން ފޯރުކޮށްދެން މަސައްކަތަކެއް ކުރި ކަމަށެވެ.
އެގޮތުން ރެޑް ކްރޮސް ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައިވެސް އެފަދަ ޖަމިއްޔާއެއް އުފެދިގެން ދިޔަ ކަމަށް ވަނީ ބުނެފައެވެ.
އެމްއާރުސީއަށް މި އަހަރު 16 އަހަރު ފުރިގެން ދާއިރު، ބަނައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި އަޅާ ބަލާއިރު އަދިވެސް ޖަމިއްޔާ ވަރަށް ޒުވާން ކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ރާއްޖެގައި ވަރަށް ފުޅާ ދާއިރާއެއްގައި އެކި މަސައްކަތްތައް ކުރެވިފައި ހުރި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
”ދިވެހި ރެޑް ކްރެސެންޓުގެ ގާނޫނު ބުނާ ގޮތުންނަމަ އަޅުގަނޑުމެންގެ މައިގަނޑު މަގްސަދަކީ ކާރިސާތައް ފަދަ ހާލަތްތަކުގައި އިޖާބަ ދިނުމަށް މަސައްކަތް ކުރުން ސަރުކާރުގެ ވިޒާރާތަކާއި ގުޅިގެން. ވާގިވެރިވާ ޖަމައަތެއްގެ ގޮތުން. އަޅުގަނޑުމެންގެ މައިގަނޑު މެންޑޭޓަކީ އެއީ“
ރެޑް ކްރެސެންޓް ދުވަހު، ޖަމިއްޔާގެ ޔުނިޓުތައް ހުންނަ ހުރިހާ ތަނެއްގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭގައި ސްކޫލު ދަރިވަރުންގެ ގާތަށް ދަރުމަވެރިން ޒިޔާރާތް ކުރުމާއި، ދަރުމަވެރިންގެ ތަޖުރިބާތައް ހިއްސާކުރެވިގެން ދާނެ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
މި ދުވަހާއި ގުޅުވައިގެން ”ހެޔޮ ހިތުން“ ނަމުގައި ދުވުމެއް އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

