ސިއްޙީ މައްސަލަތަކާއި ހުރެ އޮސްޓްރޭލިއާއިން ޑީޕޯޓުކޮށްލަން އުޅޭ ދިވެހި ކުޑަ ކުއްޖާއަށް ވިސާ ހަމަޖައްސައިދިނުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ދިވެހި ސަރުކާރުގެ ފަރާތުން އެދިއްޖެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލުކުރައްވާ އިންސާނިއްޔަތުކަމުގެ މަތިން ވިސްނާވަޑައިގެން ކައިބާން ޖަމްޝީދަށް ވިސާ ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށާއި، ޝާހިދުގެ ފަރާތުން އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރ މެރިސް ޕޭންއަށް ފޮނުއްވާ ސިޓީއެއް ރިޗަޑްގެ އަތްޕުޅަށް އަރުވާފައިވާ ކަމަށެވެ.
ކައިބާންއަކީ ދިވެހި ދެމަފިރިއަކަށް ލިބިފައިވާ އޮސްޓްރޭލިއާއަށް އުފަން ކުއްޖެކެވެ. ކައިބާން އަކީ ހިމޮފީލިއާގެ އިތުރުން، އުފެދުމުގައި ސިކުނޑިއަށްވެސް ގެއްލުން ވެފައިވާ ކުއްޖެކެވެ.
ކުއްޖާގެ ބޮޑެތި ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އޮސްޓްރޭލިއާއިން ވަނީ އޭނާއަށް ވިސާނުދީ ހިފަހައްޓާފައިވާއިރު މިހާރު ކައިބާން ޑީޕޯޓު ކޮށްލުމުގެ ބިރުވެސް އެބައޮތެވެ.
އޮސްޓްރޭލިއާގެ ގާނޫނުތައް ބުނާ ގޮތުން ސިއްހީ ބޮޑެތި މައްސަލައެއް ހުންނަ ފަރާތްތަކާއި ވިސާ، ނުވަތަ އެގައުމުގެ ރައްޔިތުކަންވެސް ނުދިނުމުގެ އިޚްތިޔާރު އެގައުމަށް ލިބެއެވެ.
އެ ގޮތުގެ މަތިން ކައިބާންއަށްވެސް ވިސާ ނުދިނުމަށް އެގައުމުގެ ހޯމް އެފެއާޒް ޑިޕާޓްމެންޓުން ވަނީ ނިންމާފައެވެ.
އެކަމާއި ގުޅިގެން ކައިބާންގެ މަންމަ ބުނީ ކައިބާންއަށް ވިސާ ލިބޭނެ ގޮތެއް ނުވެ ރާއްޖެ ފޮނުވާލައިފިނަމަ ދަރިފުޅަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވި ކައިބާން ދުނިޔެދޫކޮށް ދިއުމުގެ ފުރުސަތު އޮތްކަމަށެވެ.

