ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދެވޭނީ އެ ހުއްދަ ދޫކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ އެންމެހައި ގަވައިދުތައް ހަދައި އިޢުލާންކުރުމަށްފަހު ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދިނުމުގެ ކަންތައް ކުރާނީ ބާ ކައުންސިލުންކަމަށްވާތީ، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމާގުޅޭ ގޮތުން އެކި ފަރާތްތަކުން ބާ ކައުންސިލާ މުއާމަލާތްކުރަމުން އަންނަ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި އެހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުމާގުޅޭ ގޮތުން އަމަލުކުރަމުން އައި އެންމެހައި ގަވާއިދުތަކާއި އިޖުރާއަތުތައް، އެޤާނޫނަށް އަމަލުކުރަން ފެށުމާއެކު ބާތިލުވީކަމަށް އެޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ބާ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އެކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ހަދަންޖެހޭ ގަވާއިދުތަކަކީ، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކުރެވޭ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހަދައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހޭ ގަވައިދުތަކަކަށްވާތީ، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހިމެނޭ ގޮތުން، ބާ ކައުންސިލުން ހަދަންޖެހޭ ގަވާއިދުތައް ހެދުމާގުޅޭ މަސައްކަތްތައް ބާ ކައުންސިލުން ކުރަމުން އަންނަކަމަށެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އިންތިޚާބު ކުރީ ޖުލައި މަހުގެ 13 ވަނަ ދުވަހުގައެވެ.
އެ ކައުންސިލްގެ މަގުސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުުމުގެ ހުއްދަ ދީ، ވަކީލުންގެ މަސައްކަތްތަކާ ގުޅޭ ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުސޫލުތައް ކަނޑައެޅުމާއި ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިޔަށްދާކަން ކަށަވަރުކުރުމެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި 6 މެމްބަރުން ތިއްބަވައެވެ.
އަދި އެގްޒެކެޓިވް ކޮމެޓީއަށް އިންތިޚާބުކުރެވޭ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ.
އެ ކޮމެޓީގެ ރައީސްކަމަށް އިންތިޚާބުކުރާ މީހަކަށް 1 ދައުރަށްވުރެ ގިނަ ދައުރަށް އެ މަގާމެއް ނުފުރޭނެއެވެ.
ގާނޫނީ ފަންނުގެ ބިލްގެ 28 ވަނަ މާއްދާގައި ބުނާގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަށް ފިޔަވައި އެހެން ފަރާތަކުން ރާއްޖޭގައި ވަކީލެއްގެ ހައިސިއްްޔަތުން ގާނޫނީ މަސައްކަތްކޮށް ގާނޫނީ ޚިދުމަތް ދިނުމަކީ މަނާކަމެކެވެ.
އަދި އެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ދެން ދޫކުރާ ވަކީލުކަން ކުރުމުގެ ހުއްދައަކީ ބާ ކައުންސިލުން ކަނޑައަޅާ މުއްދަތެއްގައި އާ ކުރަންޖެހޭ ހުއްދައެކެވެ.
އެ މާއްދާގައި އެހެން ބަޔާންވެފައި އޮތް ނަމަވެސް އެ މާއްދާގެ ށަވިޔަނީގައި ބުނަނީ ވަކީލުކަމުގެ ހުއްދަ އާކުރުމަށް ބާ ކައުންސިލުން ލާޒިމް ކުރެވޭނީ ގާނޫނީ ފަންނުވެރިކަމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަސް ހަމަވާ ތާރިޚަށްފަހު އިއުލާން ކުރެވޭ މުއްދަތެއްގައިކަމަށެވެ.
އަދި އެއިން ކޮންމެ ދެ މުއްދަތެއްގެ ދެމެދުގައި އެންމެ މަދުވެގެން ތިން އަހަރު ފާއިތުވާންޖެހޭނެކަމަށްވެސް އެ މާއްދާގެ ށަވިޔަނީގައި ބުނެފައިވެއެވެ.

