ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ މުވަޒަފުންނަށް ތައުރީފު ހައްޤު، ތާޖެއް ނެތަސް މިއީ ޤައުމީ ހީރޯއިން!

ވެމްކޯގެ މުވަޒަފެއް ފަހުރުވެރިކަމާއެކު ކުނި އުކާލުމުގައި. ފޮޓޯ:ދަ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ފަސް އަހަރު ކުރިއާއި އަޅާބަލާއިރު މާލެއަކީ ސާފުތާހިރު ތަނަކަށް ވެގެން ގޮސްފިއެވެ. މާލޭގެ މަގުތަކުން ކުރިން ފެންނަ ވަރަށް ކުނި ފެންނަވަރު މަދުވެއްޖެއެވެ.

ތިމާ މީހާ މަގުމަތީގައި ހުރެ ދަމާލާ ސިނގިރޭޓުގެ ބަޓުކޮޅާއި ކާލާފަ މަގުމައްޗަށް އެއްލާލާ ސުޕާރީ ޕެކެޓުޓާއި ހޮޓަލުން ކާލައިގެން މަގުމައްޗަށް ނިކުމެ މަގަށް ޖަހާލާ ހައްޕުނޑުގަނޑުވެސް މިހާރު ނުުފެނެއެވެ.

ހަމަ ގައިމުވެސް އެއްލާލާ ކުނި ކޮޅު ނަގަނީ ތިމާމީހާއެއްނޫނެވެ. ނުވަތަ އެޖަހާ ހައްޕުޑުގަނޑު ސާފު ކުރަނީވެސް ތިމާއެއް ނޫނެވެ. އެއީ ތިމާ މީހާ ނޫން ކަމަށް ވަންޏާ ތިމާ އެއްލާލާ ކުނިކޮޅު ނަގަނީ ކާކުބާ؟ މަގުމަތީގައި ތިމާ ހާވާ ހަޑި ސާފު ކުރަން ނިކުންނަނީ ކާކުބާ؟ މިކަމާއި ކަންބޮޑުވާ ބަޔަކުވެސް އުޅެނީތާ؟

ކުނިބުނިން ފުރިފައިވާ މާލޭގެ މަގުތަށް ސާފުކޮށް މި ރާއްޖެއަކީ ސާފު ރާއްޖެއަކަށް ހެދުމަށް ވެމްކޯގެ ނަމުގައި ކުންފުންޏަކުން އަތުގުޅާލައިގެން މަސައްކަތް ފެށީ 2015 ވަނަ އަހަރުއެވެ.

ހަތަރު ދަމު ބުރަކޮށް މަސައްކަތް ކުރުމަށްފަހުވެސް ވެމްކޯގައި މަސައްކަތް ކުރާ މުވަޒަފުން މާލޭގެ މަގުތަށް ސާފު ކުރުމުގައި ގޭގެއިން ކުނި އުކާލަދެނީ އުފާވެރި ހިނިިތުން ވުމަކާއި އެކުގައެވެ.

އެމީހުން މި މަސައްކަތް ކުރަނީ މަސައްކަތެއްގެ ބަދަލުގައި ޤައުމަށްކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ. މީގެ ކުރިން މާލެ އޮތް ގޮތާއި މިހާރު މާލެތެރެ އޮތް ގޮތާއި އެންމެ ބޮޑަށް ތަފާތީވެސް އެ ސަބަބާ ހުރެއެވެ.

ކުރިން މާލޭގެ މަގުމަތިން ކުނި އުކާލުމުގައި މުޅިންވެސް ފެންނަނީ ބިދޭސީންނެވެ. މާލެ ތެރެ ސާފު ކުރުމުގައި މަގުތަކުގައި ފިހިގަނޑު ހިފައިގެން ކުނިކަހަން އުޅެނީ ބިދޭސީންނެވެ. އެ މަންޒަރު މިއަދު މިވަނީ ބަދަލުވެފައެވެ.

މިއަދު ގޭގެއިން ކުނި ކޮތަޅު ހިފައިގެން ފަހުރުވެރިކަމާއި އެ އުކާލަން ދަނީ ފަހުރުވެރި ވެމްކޯ މުވަޒަފެކެވެ. ރޭގަނޑު ބައިބަޔަށް ބެހިގެން ފިހިގަނޑު ހިފައިގެން މަގުތަށް ކުނި ކަހަން ތިބެނީ ވެމްކޯގެ ފިސާރި ދިވެހި އަންހެނުންނެވެ. ކުނި އުކާލުމަށް ގޭގޭ 10ވަނަ ފަންގިފިލާއަށް އަރަންޖެހުނަސް މި މީހުންގެ ފަރުވާލެއް ނެތެވެ. އެއްވެސް ޝަކުވާއެއް ނެތެވެ. ޚިދުމަތް ދެމުންދަނީ ފަހުރުވެރިކަމާއި ހެޔޮ ހިތަކާއެކުއެވެ. މި މަންޒަރު ފެންނަކޮންމެ ފަހަރަކު ހިތަށް އުފާވެރިކަން ލިބެއެވެ.

ކުނި އުކާލުމަކީ ހަޑި މަސައްކަތެއްނޫން،އެއީ ލިބޭ ހިތްހަމަޖެހުމެއް-ވެމްކޯ މުވަޒަފުން. ފޮޓޯ:އަވަސް އޮންލައިން

ޒަމާނުއްސުރެ ކުނި އުކާލުމަކީ ނުވަތަ މަގުމަތި ސާފުކުރަން ހުރުމަކީ ހަޑި މަސައްކަތެއްގެ ގޮތުގައި ގިނަ މީހުން ދެކެއެވެ. މީގެ ކުރިން ކުނި އުކާލަން އަންނަ ބިދޭސީ މީހާ ދެކެ ގިނަ މީހުން ފަކުރު ގަނެއެވެ. އެއީ ވަރަށް ދަށު ދަރަޖައިގެެ މަސައްކަތެއްގެ ގޮތުގައި ދެކެއެވެ.

ވެމްކޯ އުފެދިގެން ދިވެހިން މި މަސައްކަތް ކުރަން ފެށި ހިސާބުން ގިނަ ބައެއްގެ ވިސްނުން ބަދަލުކޮށްލިއެވެ. ނަމަވެސް އަދިވެސް މި މުޖުތަމައު ތެރޭގައި އެފަދަ ފަރާތްތަކާއި މެދު އިހާނެތިކޮށް ކަންތައް ކުރާ މަދު ބަޔަކު އެބަތިއްވެ.

ވަޒީފާގައި އުޅޭ ވަގުތު ބައެއް ފަރާތަކުން ފޮށޭ މައްސަލައާއި ފުރައްސާރައާއި ކުރިމަތިލާންޖެހޭ ކަމަށް ވެމްކޯގެ ބައެއް މުވަޒަފުން ބުނެއެވެ. ދާދި ފަހުންވެސް ވަނީ އެފަދަ ކަމެއް ފެންމަތިވެފައެވެ.

ދާދި ފަހުން މީސް މީޑީއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އާއްމުންގެ މީހަކު ވަނީ މާލޭގެ މަގެއްގައި މަސައްކަތް ކުރަން ހުރި ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައެވެ. އެސްލޯން ހޮޅިއެއް ބޭނުން ކޮށްގެން އެ މުވައްޒަފު ގައިގައި ތެޅި މީހާ ވަނީ ހަޑިހުތުރު ބަހުން އޭނާ އާއި ދިމާލަށް މުހާތަބުވެސް ކޮށްފައެވެ.

ވެމްކޯގެ މުވައްޒަފުންނަށް އަނިޔާ ލިބޭ ކަމަށް އެފަރާތްތަކުން އަބަދުވެސް ބުނަމުންއަންނައިރު އެ މީހުންނަށް ޖެއްސުން ކޮށް، ދަށް ކޮށްލާ މަންޒަރު މާލޭ ސިޓީގެ މަގުތައް މަތިން ފެނުން މިއީ ހިތާމަ ހުރި ކަމެކެވެ. އަދި މިފަދަ މައްސަލަތަކަކީ ބެލަންޖެހޭ އަދި ފިޔަވަޅު އަޅަންޖެހޭ ފަދަ މައްސަލަތަކެވެ.

މަގުތައް ރީތިކޮށް އޮތުމުން އެންމެނަށްވެސް ހިތްހަމަ ޖެހުން ލިބެއެވެ. ކުރީގައި ބިދޭސީން ކުރަމުން އައި މަސައްކަތެއް މިހާރު ދިވެހިން ނިކުމެ އެ މަސައްކަތް ކުރުމަކީ ވެމްކޯގެ މުވަޒަފުން އެކަމާއި އުފާވާ ކަމެކެވެ. މި އުފާ އަހަރެމެންވެސް ވާންޖެހެއެވެ.

ތިމާ ހާވާ ހަޑި ވެމްކޯގެ ހީވާގި މުވަޒަފުން ސާފުކުރަމުންދާއިރު މިކަމުގައި އަހަރެމެން ވިސްނާލަންވީ ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ. ވެމްކޯގެ މުވަޒަފުން އެމީހުންގެ ޒިންމާ އަދާކުރާ ފަދައިން އަހަރެމެންވެސް އަދާކުރަންވީ ޒިންމާއެއް އެބައޮތެވެ. ތިމަންނާ މަގުމައްޗަށް ކިތަންމެ ވަރަކަށް ކުނި އެޅިޔަސް އެ ކުނިތަށް ނަގާ ސާފުކުރަން ވެމްކޯގެ މުވަޒަފުން ތިބޭނެއޭ ހިތާ ކުނި އެޅުމުގެ ބަދލުގައި މިއީ ތިމާ ހިނގާ މަގުމަތިކަމަށް ދެކިގެން ކުނި އެޅުން ހުއްޓަން އެބަޖެހެއެވެ. ރާއްޖެއަކީ ފަތުރުވެރި މަންޒިލަކަށް ވާއިރު މި ޤައުމަކީ ނަލަ އަދި ރައްކާތެރި ޤައުމަކަށް ހެދުމުގައި ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ.

ކުނި ކަހާ ނުވަތަ ކުނި އުކާލާ ފަރާތްތަކަކީ ތިމާ ޓައި އަޅަގެން މޭޒެއް ކައިރީ މަސައްކަތް ކުރާ ފަދައިން މަސައްކަތް ކުރާ މީހަކަށް ނުވިޔަސް އެއީ ޤައުމީ ޚިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ދެކެން އެބަޖެހެއެވެ.ސާފު ރާއްޖެއަކަށް ވެމްކޯގެ މުވަޒަފުން ފަށާފައިވާ ދަތުރުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދޭން އެބަ ޖެހެއެވެ.

އަހަރެމެންގެ މުޖްތަމައަކީ ސާފުވެއްޓަކަށް ހަދާ ދުޅަހެޔޮ ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމުގައި ވެމްކޯގެ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން އެބަޖެހެއެވެ. ތިމާ ދިރިއުޅޭ ވެށި ނަލަވުމީ ތިމާއަށްވެސް ލިބޭ ހިތްހަމަޖެހުމެކެވެ.

ދިވެހިންގެ މެދުގައި ހަޑި މަސައްކަތެއްގެ ގޮތުގައި ދެކެމުންދިޔަ ކުނި އުކާކާލުން ސަޅިކަމަކަށް ހެދީ ވެމްކޯއިންނެވެ. ތާޖެއް ބޮލުގައި ނެތަސް ވެމްކޯގެ ތޮފިން އެވަރު ފުދޭ. ވެމްކޯގެ މުވަޒަފުންނަކީ މިޤައުމުގެ ފަހުރެވެ. އެއީ މިޤައުމުގެ އަސްލު ހީރޯއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: