ބ. ގޮއިދޫ އަތޮޅުތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްޤީ ކުރުމަށް ވުރެ ގެސްޓުހައުސް ވިޔަފާރިން ރަށަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓެއް ހެދުމަށްވުރެ، އެތަން އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާ ބޮޑުވާނެ ކަމަށެވެ. ”ރިސޯޓަށް ވުރެން ގެސްޓް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ މާ އިތުރުވާނެ“ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރިސޯޓެއް ތަރައްޤީ ކުރަން ޖެހިއްޖެނަމަ، ގޮއި-ފުޅަ-ފެހެންދޫގެ ތެރެއިން ކޮންމެވެސް އެއް ރަށެއްގެ ބައެއްގައި ރިސޯޓެއް ތަރައްޤީ ކުރެވިދާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޘީދު މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ ހަފުތާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ގޮއިދޫއަށް ވަޑައިގެން، އެރަށު ފަޅުގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ ބިޑު އެވޯޑުކޮށްފައިވާ ކަމަށް އިޢުލާނު ކުރެއްވުމަށް ފަހުގައެވެ. އަދި މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށްވެސް ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ނަޝީދާއި މިހާރުގެ ސަރުކާރުގެ ވިސްނުން ތަފާތުވެފައިވާއިރު، ގޮއިދޫގެ ތަރައްޤީއާ ގުޅޭގޮތުން ދެ ފަރާތުން ހުށަހަޅުއްވާފައިވާ ޚިޔާލުތަކާމެދު ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ.

