ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދައި، ތަރުތީބުގެ ރަނގަޅު ނިޒާމެއް ގެންގުޅުމުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނެރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުވެ ތެރެއިން، ތޮއްޑޫއަށް ވަޑައިގެން ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް ވައުދުތައް ފުއްދުމާއި ގުޅޭ އެކި މަޝްރޫއުތައް ހިނގަމުންދާކަމަށެވެ. ކޮންމެ ރަށަކަށް ވެސް އެމަނިކުފާނު ވަކިވަކީންވެފައިވާ ވައުދުތައް ހުންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތޮއްޑޫއަކީ ވެސް އެގޮތުގެ މަތީން އެމަނިކުފާނަށް ގިނަ ކަންބޮޑުވުންތައް ލިބިފައިވާ ރަށެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތޮއްޑޫގެ ސިއްހީ މަރުކަޒަށް 30 އެނދު އިތުރުކޮށް ހޮސްޕިޓަލެއްގެ ގޮތުގައި ވަރަށް އަވަހަށް ތަރައްގީ ކުރެވިގެން ދާނެކަމަށެވެ. މި ޕްރޮޖެކްޓު ކުރިޔަށް ދާނީ ރައީސް ވިދާޅުވި ގޮތުގައި، އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ވެސް ހިމެނޭ ގޮތަށެވެ. މުޅި ޖުމްލަ ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ތޮއްޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ރަށުގައި އަސާސީ ހިދުމަތްތައް ގާއިމު ކުރުމާއި، ކުޅިވަރުގެ ދާއިރާގެ ތެރެއިން މި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދާނެ ޕްރޮޖެކްޓުތަކުގެ ތަފްސީލުތައް ރައީސް ދެއްވި އެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ރަށަކީ ތޮއްޑޫކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެގްރިކަލްޗާގެ ހާއްސަ ފެކަލްޓީއެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށެވެ. އެމްއެންޔޫގެ މި ފެކަލްޓީގެ ސަބަބުން ދަނޑުވެރިކަނަށް ޝައުގުވެރިކަން ހުންނަ ޒުވާން ކުދިންނަށް ވަރަށް ގިނަ ފުުރުސަތުތައް ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ފަތުރުވެރިކަމާއި، މަސްވެރިން އަދި ދަނޑުވެރިކަމުގެ އެންމެ ކުރީ ސަފުގައި ތޮއްޑޫ ފާހަގަކުރެވޭ ކަމަށެވެ. އަދި މި ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ގާއިމު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ސަބަބުން ވިއްސާ ދުވަސްތަކުގައި ދަތުރު ކުރުމަށް ދިމާވާ ދަތިތައް ހައްލެއް ލިބި، ފަތުރުވެރިކަންގެ ދަތުރުފަތުރުގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ކަންކަން ތަރުތީބުވެގެން ދިއުމުން… ރައްޔިތުންނަށް ވަރަށް ގިނަ ކަންކަމުން ލުއިފަސޭހަތައް ލިބިގެންދާނެ..
ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކުރެވޭ މަސައްކަތުން ނިކުންނާނީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް އެދިވަޑައިގަތީ އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ އެމަނިކުފާނަށް އެކަން ހުށަހެޅުއްވުމަށެވެ.

