ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ޓޫރިޒަމްގައި ދީނީ ހަމަތަކަށް ސަމާލުކަން ދިނުމަށް ރައީސްގެ އިލްތިމާސެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ޓޫރިޒަމް ކުރިއަރުވައި ތަރައްގީ ކުރުމުގައި ދިވެހި މުޖުތަމަޢުގެ އިސްލާމީ އަގީދާއާއި ދީނީ ހަމަތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ، އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އުކުޅަހުގައި އޮތް ޖަލްސާގައި ލޯކަލް ޓޫރިޒަމްގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުންނެވެ.

ރައީސް ވިދާޅުވީ، މި ދަތުރުފުޅުތަކުގައި ޒިޔާރަތްކުރެއްވި ހުރިހާ ރަށަކުންވެސް ލޯކަލް ޓޫރިޒަމާ ގުޅިގެން ދިމާވާ ބައެއް މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން، މިއަދު އުކުޅަހަށް ވަޑައިގަތުމުން ރަށުގެ ކުޑަކުދިންގެ ފަރާތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މެސެޖެއް ހިއްސާކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިން ބޭނުން ވަނީ ބީޗަށް ދާން ނަމަވެސް، ފަތުރުވެރިން ”އައްޗި“ ހެދުންލައިގެން އުޅޭތީ އެ ކުދިންނަށް ބީޗަށް ނުދެވޭ ކަމަށް މެސެޖުގައި ލިޔެފައިވާ ކަމަށެވެ. އެ ކުޑަކުދިން ދިން ކުރެހުމަކާއެކު ދެވިފައިވާ މެސެޖުގައި ބީޗުގައި ވެސް، ރެސްޓޯރެންޓުގައި ވެސް، އަދި މަގުމަތީގައި ވެސް ފަތުރުވެރިން އައްޗި ހެދުންލައިގެން އުޅޭކަމަށް ބުނެފައިވާކަމަށް ވިދާޅުވި އެވެ.

ވަރަށް ނިޔަނެތިކޮށް، ވަރަށް ސާދާކޮށް މި އޮތީ އަޅުގަނޑު މި ދަންނަވާ ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކޮންކަމެއްތޯ މި އޮޅުވާލަން މަސައްކަތް ކުރަނީ؟

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާއިރުގައި ދީނީ ހަމަތައް ހިފެހެއްޓުމަށް ވަރަށް ވިސްނަންޖެހޭނެ ކަމަށެވެ. މުއްސަނދިކަން ހޯދުމަށް މަސައްކަތް ކުރާނަމަ އެކަން ކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތިން ކަމަށާއި، އޭރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ލޯކަލް ޓޫރިޒަމްގެ ދާއިރާގައި ހިންގާ ބައެއް ޝަރީޢަތާ ހިލާފު ޢަމަލުތަކުގެ މިސާލުތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރަށެއްގެ އިހުތިސާސްގެ ދަށުން 700 މީޓަރު ބޭރުގައި ސަފާރީއެއް ބާއްވައިގެން، ސިއްރުސިއްރުން ފަތުރުވެރިން ރަށަށް ގެނެސް ރާ ވިއްކައި، އަދި ރާ ބުއިމަށްފަހު އެނބުރި ސަފާރީއަށް ދާކަން ފާހަގަކުރެއްވިއެވެ.

މިއީ ހަމަ މި އަތޮޅު އެކަންޏެއް ނޫން، އެހެން ބައެއް އަތޮޅުތަކުގައި ބައެއް ރަށްރަށުގެ ވެސް ލޯކަލް ޓޫރިޒަމްގައި މަސައްކަތް ކުރާ ފަރާތްތަކުން މިކަން ކުރަނީ

އެ މަނިކުފާނު ވަނީ މިފަދަ ޝަރީއަތާ ހިލާފު އަމަލުތަކުން ހޯދާ މުއްސަނދިކަމަކީ ބަރަކާތްތެރި މުއްސަނދިކަމެއް ނޫން ކަމަށާއި، ”ޝޯޓްކަޓް“ ނަގައިގެން ކަންކަން ކުރުމުގެ ނަތީޖާއަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

މާދަމާއަށް އިސްލާހުވާން ވަގުތު އޮންނާނެ ކަމެއް ނޭނގޭތީ، މި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭނީ އަމިއްލަ ނަފްސަށް އިހުލާސްތެރިވެ، އިސްލާމްދީނުގެ ހަމަތަކުގެ މަތީގައި ތިބެގެން، އަދި ދިވެހި މުސްލިމުންގެ އައިޑެންޓިޓީ އަބަދުވެސް ހަނދާންކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: