ޤައުމީ ދުވަހުގެ މުޅި ޖިހާދުން ދައްކުވައިދެނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް ދިވެހިބަހާއި ތަރިކައާ ސަޤާފަތާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހަކީ ޤައުމެއްގެ ތާރީޚުގައި އަންނަ އެންމެ މުހިއްމު އަދި އެންމެ ޚާއްސަ ދުވަސްތަކުގެ ތެރެއިން އެއް ދުވަސް ކަމަށެވެ. އަދި ވިދާޅުވީ، މިއީ ރާއްޖެ ދުއް ނުހަނު ނާމާން ދުވަސްތަކަކަށްފަހު، ރާއްޖެއަށް އަމާންކަން ލިބުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަ ކުރާ ދުވަހެއް ކަމަށެވެ.
ވަޒީރު ވަނީ ޤައުމީ ދުވަހުން ލިބިދޭ ބައެއް ފިލާވަޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ އެ ދުވަހަކީ އުއްމީދުގެ ދުވަސްކަމަށް، ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ބުނެދެނީ އެއީ މާޔޫސްކަމާ ދުރަށްދާންވީ ދުވަސްކަމަށް
ވަޒީރު ވިދާޅުވީ، ޤައުމީ ކަންކަމަށް މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްވަވާ ޚާއްސަ އިސްކަމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަކީ މިނިވަންކަން މަތީގައި ދެމި އޮންނަ ދައުލަތެއްގެ ގޮތުގައި އަބަދުވެސް ބޭއްވުމަށް ބާރު އެޅުއްވުމަށްކަމަށެވެ. އަދި އެ މަގުން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމީ ދުވަހަކީ ޤައުމީ އެއްބައިވަންތަކަންވެސް ދައްކުވައިދޭ ދުވަހެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އޭރު ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޖިހާދަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ނަސްރުގެ ދުވަހުންވެސް ހަމަ މިފަދަ މުހިއްމު ފިލާވަޅުތައް ލިބިގެންދާ ކަމަށާއި، މިއިން ކޮންމެ ޙާދިސާއެއްގައިވެސް ގުޅުންހުރި ކަންކަން ފާހަގަވާކަމަށެވެ.

