ހިތަށް އަންނަހާ އެއްޗެއް ބުނެވުމާއި، ލިޔެވުމަކީ އަދި މިނިވަންކަމެއް ނޫންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު މުޖުތަމައުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، އަނެކާގެ އަބުރަށް ބެލުމެއް ނެތް ކަމަށާއި، ތިމާ ކުރިއަށްދިއުމުން އެކަނި މިއަދު ބައެއް ފަރާތްތަކަށް ފުދޭ ކަމަށެވެ.
ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ، އަނެކާއަށް ވަރިހަމަ ހަމަ ކޮންމެ ގޮތެއް ވިޔަސް، އެޔެއް ނޫން ދިވެހިވަންތަ ކަމަކީ
ރައީސް ވިދާޅުވީ، މިއަދާ ހަމައަށް ޤައުމުގެ އަބްތާލުން ޤައުމު ގެނެސްދިނީ އެ ބޭނުމުގައެއް ނޫން ކަމަށެވެ. އަދި ޤައުމިއްޔަތު ދިރުވާ އާލާކުރާއިރު އެކަންކަމާމެދު ވިސްނަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަނެކާގެ އަބުރަށް އަރައިގަނެ، އަނެކާގެ ޙައްޤުތަކަށް އަރައިގަތުމާއި، ދޮގު ވާހަކަތައް ފެތުރުމަކީ ތިމާގެ މިނިވަންކަން ކަމުގައި ދެކިގެން ނުވާނެ ކަމަށާއި، ހިތަށް އަންނަހާ އެއްޗެއް ބުނެވުމަކީ އަދި މިނިވަންކަމެއް ނޫން ކަމަށެވެ. ރައީސް ވަނީ ބަސް ބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެއް ކަމަށާއި، ބަސް ބުނުމަށްފަހު ތިމާއަކީ ބަހުގެ އަޅެއްކަން ޤަބޫލު ކުރަންވާނެކަންވެސް ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، މި ޤައުމުގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތް ކުރެވޭނީ ސިކުނޑީގެ ބޭނުންވެސް ކޮށްގެން ކަމަށެވެ. އަދި އެއީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ހޯލު ތެރޭގައި މިތިބީ އެންމެން، މިސާލަކަށް ތިޔައިގެ ތެރެއިން ބޭފުޅަކު ތިމަންނާގެ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމޭ ކިޔާފައި މިތާ ތެދުވެ އިއުލާނު ކޮށްލަންވީ މިތާ ބޮމެއް އެބައޮތޭ، ކިޔާފައި ހަޅޭއްލަވާލަންވީ، އެއީ މިނިވަންކަންތޯ، އެހެންމީހުންގެ ޙައްޤުތަކަށް ދެންވާނީ ކިހިނެއްތޯ
ރައީސް ވަނީ މި ޤައުމުގައި ފެތުރެމުންދާ ނުބައި އޮއިވަރުތައް ހުއްޓުވުމަށް ދިވެހިން ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

