ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުވެރިވާންޖެހެނީ ރައްޔިތުން، ކައުންސިލަރުންނެއް ނޫން!

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި، އަމިއްލަ އެދުންވެރިކަމަށް މަގުފަހިކުރުމާއި، ނާޖާއިޒު މުއްސަނދިކަން ލިބިގަތުމާއި، ނުހައްގުން ބާރުވެރިކަން ފޯރުވުން، މިއީ ދިވެހި އެއްވެސް ރައްޔިތަކު އެއްބަސްވެ، ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. ދިވެހިންގެ ދުލުން ހައްލަކަށް އެދި ގޮވާލާ ކަންކަމުގެ ތެރޭގައި އެންމެ ގިނައިން އިވެމުންދާ ޝަކުވާތަކަކީވެސް މިއެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ހަމަހަމަކަން ގާއިމުކުރުމަކީ ކޮންމެ ދައުލަތަކުންވެސް އިސްކަންދޭންޖެހޭ ކަމެކެވެ.

ދާދި ފަހުން ސަރުކާރުންވަނީ މިފަދަ މައްސަލަތަކުގެ އެއްބައި ނަމަވެސް ހައްލުކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނައީ މި ދެންނެވި ފަދަ ބައެއް މައްސަލަތައް ފެންމަތިވަމުންދިއުމުންނެވެ. ސިޔާސީގޮތުުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި ސަރުކާރުން ހުރިހާ ރަށު ކައުންސިލުތަކެއްގެ ބާރު ކަނޑުވާލައި އަގުވައްޓާލުމަށް މަސައްކަތްކުރާކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ކަމަށް ނުފެނެއެވެ. ސަރުކާރަކުން ކުރާ ކޮންމެ ކަމެއް ކުރަނީ އެ ބީދައިންކަމަށް ދެކުމަކީވެސް ރަނގަޅު އާދައަކަށް ނުވާނެކަން ކަށަވަރެވެ. އިންސާފުން ކަންކަން ހިންގުމަކީ އިސްލާމީ އުސޫލުތަކުގައިވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.

ސިޔާސީ ގޮތުން ދެކެވުނު ވާހަކަތަކާ ގުޅިގެން ބައެއް ކައުންސިލަރުންވަނީ މި މަސައްކަތްތަކާ މެދު ސުވާލުވެސް އުފައްދާފައެވެ. ބައެއް ކައުންސިލުތަކުންނާއި ބައެއް ކައުންސިލަރުން ނުރަނގަޅު އަމަލުތަކެއް ހިންގުމުން ހުރިހާ ކައުންސިލެއްގެ މައްޗަށް ތަންފީޒުވެގެންދާ އިސްލާހެއް ގެނައުން ރަނގަޅު ހެއްޔެވެ؟ މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުއާ ކުރެވުނު އެއް ސުވާލެވެ.

އަޅުގަނޑުގެވެސް ސުވާލެއް އެބައޮތެވެ. އެއްވެސް ބަޔަކަށް ރައްޔިތުންނާ މެދު ނުހައްގުން އަމަލުކުރުމަށް ޖާގައެއް އޮތުން އެއީ ރަނގަޅުކަމެއް ތޯއެވެ؟ ބައެއް ކައުންސިލުތަކުންނާއި ކައުންސިލަރުން ވަރަށް އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރި ނަމަވެސް އަނެއް ބަޔަކު ނަހަމަ އަމަލުތަކެއް ހިންގަނީ އެފަދަ ކަންކަމަށް ޖާގަ ލިބިގެންދާތީއެވެ. އިސްލާހުތަކެއް ގެންނަންޖެހިފައިވާތީއެވެ. ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރެއް ބަންދުކުރުން ގޯސްތޯއެވެ؟ މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ ޙިކްމަތްތެރި ކަމެއްކަމަށް ދެކެމެވެ.

ލާމަރުކަޒީ ގާނޫނެއް ތަންފީޒުކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. ބުނާ މިންވަރަށް އެ ގާނޫނުން ރައްޔިތުން ބާރުވެރިވެގެންދާނަމަ ރަށުގެ އަރާމު ދޫކޮށް އެބުނާ ބާރުވެރިކަން ދޫކޮށް ބޮޑު ހޭދައަކާއި ހިޖުރައެއްކޮށްގެން އެއް ފަސްގަނޑަކަށް (މާލެއަށް) ޖަމާވަމުންދަނީ ކޮން ސަބަބަކާ ގުޅިގެންތޯއެވެ؟ ލާމަރުކަޒީ އުސޫލުން ރަށްތަކާއި ރައްޔިތުން ބާރުވެރިކުރެވޭތީ ތޯއެވެ؟ ޔަގީނުންވެސް އެ ބުނާ ހުރިހާ މޮޅެއް ލިބިގެންދާނަމަ ރަށުގައި ދިރިއުޅެވޭނެ ގޮތް ފަހިވެފައި އޮންނާނެއެވެ. އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ލާމަރުކަޒީ ގާނޫނެއް އޮތުން ކިތަންމެހާވެސް މުހިންމެވެ. ނަމަވެސް އޮތީ ސިފަކުރާހާ ފުރިހަމަކޮށް ނޫންކަން ޔަގީނެވެ. އެކަންވެސް ބަލައިގަންނަން ޖެހެއެވެ.

މިއަދު ތިއްބެވި އިޚުލާޞްތެރި ކައުންސިލަރުން ދައުރު ފުރިހަމަކުރުމަށްފަހު މަގާމުން ފައިބައިވަޑައިގަތުމުން ދެން އެ މަގާމުތަކަށް އައްޔަނުކުރެވޭ މީހުން ހަމަ އެ ބީދައިން މަސައްކަތްކުރާނެކަމުގެ ޔަގީންކަމެއް އެބައޮތްތޯއެވެ؟ އެއްކަލަ ނަހަމަ އަމަލުތައް ހިންގަމުންދާ ފަރާތްތަކުގެ ބުލޫ ޕްރިންޓު ބަލައިގަނެ އެފަދަ އަމަލުތަކެއް ނުހިންގާނެތޯއެވެ؟ ނޯންނާނެއެވެ. އެހެންކަމުން އެފަދަ އަމަލުތަކަކަށް ޖާގަ އޮތުމަށްވުރެ ނެތުން ރަނގަޅު ނޫންތޯއެވެ؟ ޝައްކެއްނެތްގޮތުގައި ކޮރަޕްޝަނަށް ހުރި މަގުތައް ބަންދުކުރުމަކީ އާރާއި ބާރު ދެމިގެންދާނެ ކަމެކެވެ.

ކައުންސިލަކުން ވިޔަފާރިއެއް ކުރުމުން އެއީ ފައިދާއެއްވާ ކަމެއްގެ ގޮތުގައި ގުނޭނީ ކިހާ ހިސާބަކުންތޯވެސް ބަލާލުން މުހިންމެވެ. އެއީ ކައުންސިލުގައި ތިބި އިސްވެރިން ނޫނީ މުއައްޒަފުން ނޫނީ އެބަޔަކާ ގާތް ބައެއްގެ ޖީބު ފުރިގެންދިއުންތޯ؟ ނޫނީ އެއީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ އަގުލަބިއްޔަތަކަށް އެކަމަކުން މަންފާތަކެއް ހާސިލުވެގެންދާ ހާލަތުތޯއެވެ؟ ޔަގީނުންވެސް މުހިންމީ ރައްޔިތުންނެވެ. ނަމެއްގައި ވިޔަފާރިއެއް ކުރުން ނޫނީ ގަނޑެއްގައި ހަރަދުތަކެއް ކުރަމުންދާކަމަށް ފެންނަން އޮތުމަށްވުރެ މުހިންމީ އަމަލީގޮތުން އެކަމެއް ހެޔޮ އަސަރުތައް ކުރުމެވެ.

އިސްލާހުތަކުގެ ސަބަބުން ހަގީގަތުގައިވެސް އެ ބުނާގޮތަށް ބައެއް ކަންކަން މީގެ ކުރިން ކުރަމުން އައި އުސޫލުން ނުކުރެވޭނެއެވެ. 10 މިލިއަނަށްވުރެ ދަށުން ޕްރޮޖެކްޓުތައް ހިންގުމުގެ ފުރުސަތު ހަނިވެގެންދެއެވެ. ނަމަވެސް މަޝްވަރާގެ ދޮރު ލެއްޕުނީއެއް ނޫނެވެ. އަދިވެސް އޮންނާނެއެވެ. ތަރައްގީއަށް ހުޅުވިފައި އޮތް މަގެއް ބަންދުކުރުމަށް ފާރެއް ރާނައި ސިމެންތި ޖެހީއެއް ނޫނެވެ. އުސޫލެއްގެމަތިން ކަންކަން ކުރެވިގެންދާނެ ގޮތަކަށް ދޮރެއް ހަރުކުރީއެވެ. މިއަދު ވަންނަ ނުކުންނަ ބަޔަކު އަދި އެބަޔަކު ވައްދާ ނެރޭ އެއްޗެއް އެނގޭނެއެވެ. އެ މަގުގެ ނަހަމަ ބޭނުންތަކެއް ކުރުމަށް އޮތް ފުރުސަތު ނައްތާލީއެވެ.

ފެންމަތިވި މައްސަލަތަކުގެ ވާހަކަތައް މިތަނުގައި ކިޔާނަމަ ރިޕޯޓު ވަރަށް ދިގުވެގެންދިއުން އެކަށީގެންވެއެވެ. އެންމެ ކައުންސިލެއް އެންމެ މައްސަލައެއް ނޫނެވެ. އެކި ކައުންސިލުތަކުން ހިންގާފައިވާ އެކި ބާވަތްތަކުގެ ނުރަނގަޅު އަމަލުތައް އެބަހުއްޓެވެ. ރައްޔިތުންގެ ފައިސާ ބެލެހެއްޓުމުގައި ހުރި މައްސަލަތަކުން ފެށިގެން ރައްޔިތުންގެ މުދަލަށް އިހާނާތްތެރިވިކަމުގެ ޝަކުވާތައްވެސް ރެކޯޑުކުރެވިފައިވެއެވެ. ކޮރަޕްޝަންގެ މައްސަލަތައްވެސް ހިމެނޭއިރު ރައްޔިތުންގެ ގާތުގައި ހޭވެސް އަހާނުލާ މައްސަލަ އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެއީ ރައްޔިތުން ބާރުވެރިވުންތޯއެވެ؟ މުސްލިމް މުޖުތަމަޢެއްގައި އަމާނާތްތެރިކަމާއި ޒިންމާދާރުވުމަކީ އަސާސީ އަޚްލާޤީ ސިފަތަކެކެވެ.

ކައުންސިލަރުން ބާރުވެރިވުމަކީ ރައްޔިތުން ބާރުވެރިވުންތޯވެސް ވިސްނާލަންޖެހެއެވެ. ގާނޫނެއްގެ ތެރެއިން ކައުންސިލަރަކަށް ޖާގަ ލިބުމަކީ އެ ރަށެއްގެ ރައްޔިތުން ބާރުވެރިވުމަށްވެސް ނުވެދާނެއެވެ. ގާނޫނެއް ފަރުމާކުރަނީ ރައްޔިތުންގެ މަންފާއަށެވެ. އެކަން ކުރަނީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންގެ މަސައްކަތްތަކާ ހަވާލުވާ ފަރާތްތައް ޒިންމާދާރު ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރާކަން ކަށަވަރުކުރުމުގެ މަގުސަދުވެސް ހިމެނިގެންނެވެ. އެހެންކަމުން މިއަދު ގާނޫނީގޮތުން ކައުންސިލަރުންނަށް ވަކި އިމެއްގެ ތެރެއިން އަމަލުކުރުމަށް މަޖުބޫރުވެގެންދާއިރު އެއީ ރައްޔިތުންގެ ހައްގުގައި ކަނޑައެޅިގެންދާ އިމެއްކަން ހަނދާނުގައި ބެހެއްޓުންވެސް މުހިންމެވެ. ގެނައި އިސްލާހަކީ ރައްޔިތުން ބާރުވެރިކުރުންކަމަށް ބުނަން ޖާގަ އެބައޮތެވެ. ޙަޤީޤީ ބާރުވެރިކަމަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިވެ، ދެމެހެއްޓެނިވި ތަރައްގީއެއް ލިބިގެންދާނެ ގޮތަކަށް ކަންކަން ބައްޓަންވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: