މަގުބޫލު ޓެލަކޮމް އޮޕަރޭޓަރު އުރީދޫ މޯލްޑިވްސްއަށް ސަރުކާރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފިއެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އުރީދޫއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ. އެ ކުންފުންޏަށް އިނާމު ލިބުނީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާ ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުންނެވެ. އެ ކުންފުނީގެ ފަރާތުން މި ޝަރަފާއި ހަވާލުވެވަޑައިގެންނެވީ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ.
އުރީދޫއަކީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތްތައް ފަށައި ފުޅާކުރަމުން އަންނަ ކުންފުންޏެކެވެ. ޓެލަކޮމިއުނިކޭޝަންސް ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ބޮޑު ތަރައްގީތަކުގައި އެ ކުންފުނީގެ އިސް ދައުރެއް އޮވެއެވެ. މި އަހަރުގެ ގައުމީ އިނާމު ލިބިގެން ގޮސްފައިވަނީ އެ ކުންފުނިން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އުރީދޫން ބުނެފައިވާގޮތުން މި އިނާމު ލިބިގެން ގޮސްފައިވަނީ ކުންފުނީގެ މުއައްޒަފުންނާއި ބައިވެރިންގެ އިތުރުން ކަސްޓަމަރުންގެވެސް މަސައްކަތްތަކުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުންވެސް މަސައްކަތްތައް ކުރާނެކަމަށް ބުނެފައިވެއެވެ.

