ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުން ވަޒީފާއަށް ނިކުތީ ގައުމީ ހެދުމުގައެވެ.
މިއަދު ފާގަ ކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެމްއޭސީއެލްއިން އެކްސް ޕްލެޓްފޯމުގައި ކުރި ޕޯސްޓުގައި ބުނީ، ދިވެހި ސަގާފީ ތަރިކަ އަގުވަޒަންކޮށް، ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ގައުމީ ހެދުން ލައިގެން، ދައްކާލާފައިވާކަމަށެވެ.
މީގެއިތުރުން، އެމްއޭސީއެލްއިން ކުރި ޕޯސްޓުގައި ވަނީ، އެ ކުންފުނީގެ އަންހެން އަދި ފިރިހެން މުވައްޒަފުން، ގައުމީ ހެދުން ލައިގެން ތިބި މަންޒަރު ދައްކައިފައެވެ.
ރާއްޖޭގެ ގައުމީ ދުވަހަކީ، ކޮންމެ މީލާދީ އަހަރެއްގެ، އޮގަސްޓު 24 ވަނަ ދުވަހެވެ. އެގޮތުން، މި ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުން 15 އަހަރާއި ހަ މަސް ދުވަސް ވަންދެން، ރާއްޖެ އަޅުވެތިކުރުމަށްފަހު، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވެ، ދިވެހި ގައުމަށް ނަސްރު ހޯދައިދިނުމަށްޓަކައި، ޖިހާދުވި އުތީމު ބަންޑާރައިންނާއި އަދި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށްޓަކައެވެ.

