މި ސަރުކާރު ނޫނީ، ރައްޔިތުންގެ ހައްގުގައި ނިންމުންތައް ބަދަލު ކުރި ސަރުކާރެއް ނެތްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފްއިން ބޭއްވި ޖަލްސާއާއި ގުޅޭ ގޮތުން ސުވާލުކުރުމުން ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށެވެ.
މެންބަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއަކީ، ވެރިކަން ކުރާ ފަރާތްތައް ޖަވާބުދާރީކުރުވާ، އަޑު އުފުލުންކަމަށެވެ. އެއީ މައްސަލައެއް ނޫންކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ ޖަލްސާތައްވެސް ބޭއްވޭނެކަމަށެވެ. މުޒަހާރާވެސް ކުރެވޭނެކަމަށާއި، އިތުރު ހަރަކާތްތައްވެސް ހިންގޭނެކަމަށެވެ.
ކަންކަން ކުރުމަކީ، އެއީ ނިމުމެއް ނޫން، އިނގޭތޯ! އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ އިދިކޮޅު ފަރާތްތަކުން އަބަދު ގޭގައި ތިއްބަވާނެކަމަކަށް.
މެންބަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އަބަދު ގޭގައި ތިބޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށާއި، އެއާއި ހިލާފަށް ސަރުކާރަށް ނުވެ ހުރި ކަންކަމުގެ ވާހަކަތައް ދެއްކެވީމައި ސަރުކާރަށް ކަންކަން އިސްލާހު ކުރަން އެނގޭނެކަމަށް މެންބަރު ވިދާޅުވިއެވެ.
މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނޫން އިތުރު ވެރިއަކު ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުންތައް ބަދަލުކޮށްފައިނެތްކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ރައްޔިތުންގެ ހިޔާލާއި، ލަފާޔާއި ދެކޮޅަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ، ދޮގާއި މަކަރާއި، ހީލަތުން ސަރުކާރުން ބަލިކަށި ކުރުމަށްކަމަށެވެ. މި މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރުން ވަނީ ސަރުކާރުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ހިންގާފައި ހުރި މަޝްރޫއުތައް ނިންމާ، ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ވައުދުވީ މަޝްރޫއުތައްވެސް ދަތިތަކާއިއެކު ކުރިއަށް ގެންދަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ.

