ބަނގުރާ ކޭސްތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައިވާކަމަށެވެ.
އެހެންކަމުން ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި ޕިކަޕު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ ޕިކަޕު ބަލައިފާސްކޮށްފައިވެއެވެ. ޕިކަޕު ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފަސަލު ރަޙްމާން މަޓުމަލް ، އިންޑިއާ (28އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

