މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީޑިއާތަކާއި ގުޅޭގޮތުން އަމިއްލަ މެމްބަރަކު ހުށަހަޅާފައިވާ ބިލެއްގެ މައުލޫމާތު އެމަނިކުފާނަށް ލިބިފައިވާކަމަށެވެ.
މީޑިއާ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، ކޮމިޝަނުގެ ރައީސް އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބުނެ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެފަދަ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އެފަދަ ނިސްނުމެއް ނާންނާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާޏު ބޭނުންފުޅު ވަނީ މަޖިލީހުގައި އެ ބިލުގެ މަސައްކަތް ކުރިޔަށް ދާނަމަ އެއަށް އިސްލާހެއް ގެނެސް، ކޮމިޝަންގެ ރައީސް ކޮމިޝަންގެ މެންބަރުންގެ ވޯޓުން އިންތިހާބުކޮށް ހޮވާ ގޮތަށް ހެދުމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މީޑިއާތަކަށް އެއްވެސް ނުފޫޒެއް ފޯރުވާ ބަޔަކަށް ވުމަކަށް ސަރުކާރު ބޭނުން ނުވާ ކަމަށާއި، މީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކީ އޮޕަރޭޓްކުރާ ތަނަކަށް ކަމަށެވެ.
ބިލުގެ ބައެއް މާއްދާތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހަތް މެމްބަރުންގެ އެ ކޮމިޝަން އުފެދިގެން އަންނަ ގޮތަށް އޮތީ ހަތަރު މެމްބަރުން މީޑިއާތަކުގެ ވޯޓާއި އެކު އިންތިހާބު ކުރާ ގޮތަށް ކަމަށެވެ. އަދި ދެން ތިބި ތިން މެމްބަރުން ރައްޔިތުންގެ މަޖިލީުން ވޯޓުލައި ހޮވާއިރު ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ކޮމިޝަނުގެ މެމްބަރުން މީޑިއާތަކުގެ ވޯޓާއި އެކު އިންތިހާބުވެގެން އައުމަށް ކަމަށެވެ.

