އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްއަކަށް، ޑރ. ސަލްމާ ރަޝީދު ހަމަޖައްސަވައިފިއެވެ.
2024 މެއި 7 ވަނަ ދުވަހުގައި، ޖެނީވާގައި ހުންނަ، ރާއްޖެއިން، އ.ދ އަށް ކަނޑއަޅުއްވާފާ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު ވަނީ އައްޔަނުކުރެވިއެވެ. އެގޮތުން، އެކަމަނާއަކީ، ލަންޑަންގެ ސައުތު ބޭންކު ޔުނިވާސިޓީން، އިވެލުއޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިފައިވާ ބޭކަނބަލެކެވެ. އަދި، ހަމައެއާއިއެކު، ލީޑްސް ޔުނިވާސިޓީންނާއި، އެމެރިކާގެ ޔުނިވާސިޓީ އޮފް ބެއިރޫތުން އިތުރު އެކަޑަމިކް ކްރެޑިޝަންތައްވެސް ވަނީ ހާސިލް ކުރައްވައިފައެވެ.
އ.ދ ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިހާބުވެފައިވާއިރު، މިކަމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު، ޑރ. ހަލީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
އެ ޕޯސްޓުގައި ވަޒީރު ހަލީލު ހާމަކޮށްފައިވާގޮތުގައި، އ.ދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްގެ ގޮނޑި ރާއްޖެއަށް ލިބުމާއިއެކު، އެ ކައުންސިލުގެ ނައިބު ރައީސާގެ މަގާމު ފުރައްވާނޭ ފަރާތަކީ، ރާއްޖެއިން އ.ދ އަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދުކަމަށެވެ. އަދި، އެ ކައުންސިލުގެ ނައިބު ރައީސާގެ މަގާމުގައި، އެ ކަމަނާ މަސައްކަތްކުރައްވަމުން ގެންދަވާނީ، އޭޝިއާ ޕެސިފިކް ގްރޫޕު ތަމްސީލުކުރެއްވުމުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އ.ދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްކަން، ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ، މި ގައުމަށް ހާސިލުކުރެވުނު ކަމިޔާބީއަކަށްވުމާއިއެކު، މި ކާމިޔާބީން ދައްކުވައިދެނީ، ކައުންސިލުގެ މަސައްކަތްތަކުގައި ހިމެނޭ އެންމެންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ރާއްޖެއިން އިންތިހާއަށް ކޮށްފައިވާ މަސައްކަތްތައްކަމަށެވެ.
މީގެއިތުރުން، މި ކާމިޔާބީއަކީ، ރާއްޖޭގެ ތެރެ އަދި މަލްޓިލޭޓަރަލް ފޯރަމްތަކުގައިވެސް، އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ރާއްޖެއިން ހޯދައިފައިވާ ކުރިއެރުމުގެ ވަރުގަދަ ހެކިތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ ނައިބު ރައީސްކަމަށް، ރާއްޖެ އިންތިހާބުވުމާއި ގުޅިގެން، ރައީސް މުއިއްޒު ވަނީ ތަހުނިޔާއާއި މަރުހަބާ ވިދާޅުވެއެވެ. އެގޮތުން، އެމަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”ޔޫއެންއެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިހާބުވެގެންދިޔުމަކީ، ރާއްޖޭ ފަހުރުވެރިވާނޭކަމެއް“ ކަމަށެވެ.

