ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންކެޑެ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައިވާތީ ފައްޔާޒުގެ ފާޑުކިޔުން!

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންކެޑެ މަޝްރޫއު މި ސަރުކާރުން ހުއްޓުވާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ހަންކެޑެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކޮށް، އެތަނުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީ ކުރުމަށް ރޭވިފައިވާ މަޝްރޫއު ހުއްޓުވާލާފައިވާ ކަމަށާއި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ހަންކެޑެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮންސެޕްޓް ފައިނަލް ކުރެވި، އައްޑޫއާއި ދެކުނުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ރޭވުނު މުހިއްމު މަޝްރޫއެއްކަންވެސް ފައްޔާޒް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، މަޝްރޫއު ސަރުކާރުން ބާތިލްކުރުމަކީ، އައްޑޫގެ ކުރިއެރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

ޗައިނާގެ ސްޓޭޓް ބޭންކަކުން ލޯނެއް ހޯދައިގެން އެމްޑީޕީ ސަރުކާރުން ފެށި މި މަޝްރޫއާ ގުޅޭގޮތުން ފައްޔާޒް އިތުރަށް ވިދާޅުވީ، 2023 ގައި ވެރިކަން ބަދަލުވިއިރު މި މަޝްރޫއު އޮތީ ފެށުމުގެ މަރުޙަލާގައި ކަމަށާއި، އޭރު ހަމައެކަނި ބާކީ އޮތީ ފައިނަލް ލޯނު އެއްބަސްވުމުގައި ސޮއިކުރުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، މި ސަރުކާރުގެ ނާޤާބިލުކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އެ މަޝްރޫއު ނުފެށި ދިގުލައިގެން ގޮސް އެންމެ ފަހުން އެ މަޝްރޫއު ސަރުކާރުން ބާތިލްކުރުމަކީ މުޅި ދެކުނުގެ ރައްޔިތުންގެ އުއްމީދުތަކަށް ހުރަސް އެޅުނު ސަބަބެއް ކަމަށެވެ. ވަކިން ޚާއްސަކޮށް އަމިއްލަ ރަށުގައި އިޤްތިސާދީ ފުރުސަތުތައް ފަހި ކުރުމަށް އެކަމުގެ ސަބަބުން ހުރަސްތައް އެޅިގެން ދިޔަކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ހަންކެޑެ މަޝްރޫއު ހުއްޓާލުމަށް ނިންމައި މި ސަރުކާރުން ފަހުން ވަނީ އެ ރަށުގައި ހަލާލު ޓޫރިޒަމް ކުރިއަށް ގެންދަން ނިންމާފަ އެވެ.

އެކަމާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ، އެ ސަރަޙައްދުގައި ހަލާލު ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ބޭނުންވާނަމަ އެހެން ރަށެއްގައިވެސް އެކަން ކުރެވެން އެބައޮތް ކަމަށެވެ. އެގޮތުން ސަވާހެލި ނުވަތަ ގައުކެނޑީގައިވެސް ހަލާލު ޓޫރިޒަމް ކުރިއަރުވަން މަޝްރޫއުތަކެއް ހިންގެން އެބައޮތްކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭރުން ފެށިފައި އޮތް ބޮޑު މަޝްރޫއެއް ހުއްޓާލާކަށްވެސް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ދައުލަތުން އަނެއްކާވެސް ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށާއި، އައްޑޫ ރައްޔިތުން އިޤްތިސާދީ މިނިވަންކަމަށް ހޭދަކުރި އަގުހުރި ވަގުތުތައްވެސް ބޭކާރުވެގެން ދާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ”ހަލާލް ޓޫރިޒަމް“ ތަރައްޤީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިއަހަރުގެ ޖޫން މަހުއެވެ. އެއީ ފަތުރުވެރިކަން ތަރައްޤީވެފައި ނުވާ އަތޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި ޙަލާލު ޓޫރިޒަމް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނިންމި ނިންމުމާއެކުއެވެ.

ޙަލާލު ޓޫރިޒަމަކީ ޚާއްޞަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށް ވެސް މެހުމާންދާރީ އަދާކުރެވޭ ގޮތަށް، ފަރުމާ ކުރެވިފައިވާ ޚިދުމަތްތަކެކެވެ.

މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ގައި ތަރައްޤީ ކުރެވިގެންދާ ”ހަލާލް ޓޫރިޒަމް“ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެކަން ސަރުކާރުން ފާހަގަ ކުރެއެވެ. އަދި މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިޞާދީ ދުވެލި ހަލުވިވެގެންދާނެކަމަށްވެސް ސަރުކާރުން މައުލޫމާތުދެއެވެ.

ނިމިދިޔަ ސަރުކާރުން އައްޑޫ ހަންކެޑެ ތަރައްގީ ކުރުމަށް ޗައިނާގެ ބޭންކަކުން 42 މިލިއަން ޑޮލަރު (647.8 މިލިއަން ރުފިޔާ) ގެ ލޯނެއް ނަގައި އެމަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިއަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ އެވެ.

ހަންކެޑެ މަޝްރޫއަކީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް ނިމިދިޔަ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ވެރިކަން ނިމުނުއިރުވެސް އެ މަޝްރޫއު ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ފުރަތަމަ ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެނޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫޢު އިފްތިތާޙުކުރުމަށް ބޮޑު ރަސްމިއްޔާތެއްވެސް ބޭއްވިއެވެ.

އޭގެ ފަހުން އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން ނިންމީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: