ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ، ކައުންސިލްތަކަށް ކަންކަން ނުވާކަން ދެއްކުމަށްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާއިމެދު ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، އިސްލާހުތައް ގެނައުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ފަހު ވަގުތު، އެކަމަށްވާން ޖެހޭ ތައްޔާރީތައްވުމަށް އެއްވެސް ވަގުތެއް ނުދީ އިސްލާހުތައް ގެނައުމަކީ ކަންބޮޑުވުމެއްކަމަށް ނާޒިލް ވިދާޅުވިއެވެ.
އެގޮތުން ނާޒިލް ފާހަގަކުރެއްވީ އަންނަ ދައުރަށް ދެން އިންތިހާބުވާ ކައުންސިލަރުންނަށް މި އިސްލާހަށް އަމަލު ކުރަން ޖެހުމަކީ ކަންބޮޑުވުމެއް ނޫންކަމަށެވެ. އެއީ އެކަމަށް ތައްޔާރުވާނެ، އަދި ކަންކަން ތަރުތީބު ކުރާނެ ވަގުތު ލިބޭނެތީކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އަމަލުކުރި ގޮތުން، މި ހިނގާ ދައުރުގައި ތިބި ކައުންސިލަރުން އިތުރަށް ކުރަން ހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެކަމަށް ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވީ މިހާރު ގާނޫނަށް އިސްލާހު ގެނައިސްފައިވާ ގޮތުން، ބޭނުންވާ އެތައްކަމެއް ކުރުމަށް ހުރަސް އެޅިގެންދާނެކަމަށެވެ. ކައުންސިލްތަކަކީ އާންމު މީހާ އާއި ހަމައަށް ގެނެވޭނެ، ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ބައެއްކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.
ހަމަ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ ބޭނުމުގައި، ކައުންސިލްތަކަށް ކަންތައްތައް ނުކުރެވޭކަން ދައްކަން، އެ ބޭނުމުގައި ކުރާކަމެއް. އެ ބޭފުޅުނަށް އެ ލިބިފައި އޮންނަ ބަޖެޓުގެ ތެރެއިން ދެނެއް ނެތޭ އެއްވެސްކަމެއް ކުރެވޭކައް.
ނާޒިލް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ލިބިފައި އޮންނަ ބަޖެޓުގެ ތެރެއިން ދެން އެއްވެސްކަމެއް ކުރެވެން ނޯންނާނެކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ، ސަރުކާރުން ވަނީ އެ ބާރު ކައުންސިލްތަކަށް ހަނިކޮށްފައިކަމަށެވެ. އެންމެ ކުޑަ ކަންތައްތައް ކުރުމަށްވެސް ދެން ކައުންސިލްތަކުން ޖެހޭނީ މައި ސަރުކާރުގެ ހުއްދަ ހޯދަންކަމަށް ނާޒިލް ވިދާޅުވިއެވެ.

