މަސްވެރިއެއްގެ ކޭޝް ކާޑާ ގުޅިފައިވާ އެކައުންޓަށް އޮޅިގެން ދޫކުރެވުނު ފައިސާގެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ނާކާމިޔާބު ވެއްޖެއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބީއެމްއެލްއިން ހުވަދު އަތޮޅުގެ މަސްވެރިއަކަށް ދޫކޮށްފައިވާ ”މަސްވެރިޔާ ކާޑަށް“ އިތުރަށް ފައިސާ ޖަމާކުރެވިފައިވަނީ އެ ބޭންކުގެ ޓެކްނިކަލް މައްސަލައަކުންކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބޭންކުން މައުލޫމާތު ދޭ ގޮތުގައި ކޮވިޑް 19 ގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މަސްވެރިޔާ ކާޑުން ކާޑުގައި ނެތް ފައިސާ ނެގޭގޮތްވީއެވެ.
ފަހުން ބޭންކުން ވަނީ އެ ފައިސާ ހޯދުމަށްޓަކައި މަސްވެރިޔާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެއީ ލޯނެއްގެ ގޮތުގައި މަސްވެރިޔާ ދައްކަންޖެހޭ ފައިސާއެއް ގޮތުގައި ކަނޑައަޅާފައެވެ. އެގޮތުން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދައްކަންޖެހޭކަމަށް ބޭންކުން ބުނެއެވެ.
އެހެންނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަމަށް ބުނެ ފަހުން ބޭންކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ. އަދި ބޭންކުން އެދުނީ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހި ނުދައްކާވާ ފާއިސާ އާއި އިތުރަށް އަރަމުންދާ ޖޫރިމަނާ މަސްވެރިޔާ ދައްކަންޖެހޭކަމަށް ޙުކުމްކޮށްދިނުމަށެވެ.
މި މައްސަލައިގައި މަސްވެރިޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ އެ ފަދަ ލޯނަކަށް އޭނާގެ ފަރާތުން އެދިފައި ނުވާނެ ކަމަށެވެ. އަދި މަސްވެރިޔާގެ ފަރާތުން ލޯނަކަށް ނުވަތަ ކްރެޑިޓް ފެސިލިޓީއަކަށް އެދިފައިވާކަންވެސް ހެކިތަކުން އެނގޭކަށް ނެތެވެ. އެހެންވެ ދަށު ކޯޓުންވެސް މައްސަލަ ނިމުނީ މަސްވެރިޔާއާ އެއްކޮޅަށެވެ. އަދި ހައިކޯޓުންވެސް ވަނީ އެ ނިންމުން ބާތިލު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އާއި ފަނޑިޔާރު ޙުސައިން މަޒީދާއި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިނެވެ.

