އިންޓާރގްރޭޓެޑް ކޭސް މެނޭޖުމެންޓު ނިޒާމު (އައި.ސީ.އެމް.އެސް) ކޯޓުތަކުގައި ބޭނުންކުރަން ފެށުމާއެކު، ކޯޓުތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކުގައި ބޮޑެތި ލުއިތަކެއް ލިބި، މަސައްކަތްތަކުގެ ދުވެލި އަވަސްކުރެވިގެންދާނެކަމަށް އުއްތަމަފަނޑިޔާރު އަބްދުލް ޣަނީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އާ ނިޒާމު ތައާރަފުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ކޯޓުތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަން މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ އައު ނިޒާމު މެދުވެރިކޮށް ކޯޓުތަކުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމުަގއި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އެހެންކަމުން އެމަނިކުފާނުވަނީ ކޯޓުތަކުން މި ލުއިތައް ހޯދުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
އައު ނިޒާމާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ނިޒާމު މެދުވެރިކޮށް މައްސަލަތައް ހުށައެޅުމުން ފެށިގެން ދަފްތަރުކުރުމާއި ތާވަލުކުރުން އަދި މައްސަލަތައް ކުރިއަށް ގެންދިއުމުގައިވެސް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން އެ މަސައްކަތްތައް ކުރުމުުގައި ހޭދަވެގެންދާ ވަގުތުތައް ގިނައިން މަދުކުރެވޭނެކަމަށް އިޝާރާތްކުރެއްވިއެވެ.
މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު މަސައްކަތްފުޅުގެ ތެރެއިން ފާހަގަކުރެވުނު ބައެއް ކަންކަންވެސް އުއްތަމަފަނޑިޔާރު ހިއްސާކުރެއްވިއެވެ.
މިގޮތުނުް މާލެ ސަރަހައްދުގެ ކޯޓުތަކަށް ކުރެއްވި ޒިޔާރަތްތަކުގެ ތެރެއިން ގިނަ ދަތިތަކެއް ހުރިކަން ފާހަގަކުރެވުނުކަމަށާއި ކޯޓުތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނީ އެކަންކަން ހައްލުކުރެވިގެންކަމަށްވެސް އަލިއެޅުއްވިއެވެ.
ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި މާލީ އެހީތެރިކަން މެދުވެރިކޮށް ހައްލުކުރެވިގެންދާނެ ކަންކަމުގެ އިތުރުން ގާނޫނީގޮތުން ހުރި ދަތިތައްވެސް ހިމެނޭކަމަށް މައުލޫމާތު ދެއްވިއެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމަށްޓަކައި ބަންޑާރަނައިބު އަހުމަދު އުޝާމްއާއި ބައްދަލުކުރައްވައިގެން މަސައްކަތްކުރައްވާނެކަމަށް އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.

