ގޭންގު ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
2025 އޮގަސްޓު 25 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ ގާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު) އާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގާނޫނު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، އެފަދަ ގްރޫޕުތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް، އެ ކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކަށް ލިބޭ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މަސައްކަތްތަކަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާއި، މިފަދަ ކަންކަން ކުރުމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

