މާލޭގެ މޭޔަރަކަށް ހުންނެވި އިރު އޭރު އޮތް ސަރުކާރުން ކުރި ދަތިތަކުގެ ސަބަބުން މަސައްކަތަށް ކުރި އަސަރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެކަންކަމަށް ބަލައި ވެސް ކައުންސިލްތަކަށް ދަތި ކުރުމަށް އެމަނިކުފާނު އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު މިރޭ ވަޑައިގެންފައި ވަނީ ކުޅުދުއްފުށި ސިޓީއަށެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި ކައުންސިލްތަކުން ވެސް ބައިވެރިވެ ޖަލްސާތަކުގައި ވާހަކަ ދައްކާއިރު، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލާއި ގުޅޭގޮތުން ވާހަަ ދެއްކެވި އެވެ. ބައެއް ކައުންސިލްތަކުން ވަނީ ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފަ އެވެ. އެހެން ބައެއް ކައުންސިލްތަކުން ރައީސަށް ހުށަހެޅި ކަންބޮޑުވުމަކީ މިފަހުން ގާނޫނަށް ގެނައި އިސްލާހެވެ.
އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ކަނޑުވާލުންކަމަށް އިދިކޮޅުން ތުހުމަތު ކުރާތީ މީގެ ކުރިން ވެސް ރައީސް އެކަމަށް ރައްދު ދެއްވާފައި ވެއެވެ. އަދި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ތަފްސީލުކޮށްދެއްވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދަޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. އަދި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ކުރިމަތިވި ދަތިތަކެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އޭރު އޮތް ސަރުކާރަށް ކައުންސިލުން ލޭންޑްޔޫސް ޕްލޭން ފޮނުވުމުން އެއަށް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން، މާލޭ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް ހުށަހެޅުމުން ވެސް އެ ހުއްދަ ދޫކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
މި ހުރިހާ ތަޖުރިބާއެއް ދިމާވެފައި ހުރެ، ކައުންސިލްތަކަށް ސަރުކާރުން ދަތިކޮށް އުނދަގޫ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މީގެ ސަބަބުން ކައުންސިލްތަކުން ކުރިމަތިލާން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ.
ލާމަރުކަޒީ ނިޒާމު އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ.. އަޅުގަނޑު ވެސް މިކަމުގެ ތެރޭގައި.. ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އެކި ގޮތްގޮތަށް އުޅެވިފައި ހުރީ.. އެންމެ ފަހުން މާލެ ސިޓީގެ މޭޔަރަކަށް ހުރީ.. އުޅުނު އިރުގައި ވެސް ދިމާވި ކަންކަން އަދިވެސް ހަނދާން އެބަހުރި.. އޭރުގައި އޮތް ސަރުކާރުން އެއްވެސްކަމެއް އަޅުގަނޑު މޭޔަރަކަށް ހުރި އިރު ކުރާކަށް ފުރުސަތެއް ނުދޭ.. ލޭންޑްޔޫސް ޕްލޭން ހަދާފައި ހުށަހަޅައިގެން އަހަރު ދުވަސްވީ އިރު ވެސް ފާސްކޮށް ނުދޭ. ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހަދަން ވެެގެން ހުށަހެޅުމުން ވެސް.. މަގާމުން ވަކިވިއިރުގައި ވެސް އޮތީ އެ ހުއްދަ ނުދީ.. އެހެންވީމަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރުން ކަންކަމަށް ހުރަސް އަޅާގޮތާއި، ހުރަސް އެޅީމައިވާ ގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ.. އެހެންވީމަ މި ސަރުކާރަކުންނެއް އެކަހަލަ އެއްވެސްކަމެއް ނުކުރާނަން. އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކަންކޮށްދިނުން..
ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ކައުންސިލް އިދާރާތަށް ހިންގަމުން އައި އޮފީސްތަކުގެ ހާލަތު ދަށްވެފައި ވާތީ އާއި އިމާރާތް ބާވެ ހަލާލުވެފައި ހުރުމުގެ ސަބަބުން ދެ މަޝްރޫއުއެއްގެ ތެރެއިން 165 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް ނިންމާފައި ބައެއް މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިސް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި އެކު ރަތަކަށް ދަތުރު ކުރައްވަނީ ސީދާ އެމަނިކުފާނު ކަމަށެވެ. އަދި މާލެއަށް ދަތުރުކޮށްގެން އެތައް ދުވަހެއް ވަންދެން އެޕޮއިންޓްމަންޓެއް ނުލިބި މީގެ ކުރިން ތިބެން ޖެހޭ ޖެހުމަށް، ނިމުމެއް ވެސް ގެންނެވިކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލާއި ގުޅުން ހުރި މަޝްވަރާތަކަށް އެމަނިކުފާނު ކައުންސިލްތައް މާލެއަށް އައުމަށް އަންގާފައި ނުވާނެ އެވެ.
ކައުންސިލްތަކާއި ބައްދަލު ކުރުމުގެ ދެވަނަ ބުރު ފެށިގެން ކުރިޔަށްދާއިރު، ކުރިޔަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ވެސް ދަތުރު ކުރެއްވުމުގެ އަމާޒުގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

