ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި ސިޔާސީ ޕާޓީތަކަކީ އަސާސީ ދައުރެއް އަދާކުރާ މުއައްސަސާތަކެވެ. މި މުހިންމުކަމުގެ މައްޗަށް ބިނާކޮށް، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް މިއަހަރުވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެވިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރު ފައިސާ ލިބެނީ 5 ޕާޓީއަކަށެވެ.
މި ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ. ޕީއެންސީއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ، އަދި ޖުމްހޫރީ ޕާޓީއަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވެއެވެ. މީގެ އިތުރުން، އެމްޑީއޭއާއި އަދާލަތު ޕާޓީއަށްވެސް ދެމިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކުރެވިފައިވެއެވެ.
އެހެންނަމަވެސް، މި ޕާޓީތަކުގެ ތެރެއިން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވަނީ ކިތައް ޕާޓީތޯ ސުވާލު އުފެދެއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެކިއެކި އިދާރާތައް ރެގިއުލޭޓުކޮށް މޮނިޓަރިންގ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމަކީ އިސްކަންދޭންޖެހޭ ކަމެކެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގައި، ހަމައެކަނި 10,000 މެންބަރުން ހަމަވޭތޯ ބެލުމުގެ ބަދަލުގައި، އިތުރު މިންގަނޑުތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޕާޓީތައް އުފެއްދުމުގެ މަޤްޞަދުތައް ޙާޞިލުވަމުންދޭތޯ ބެލުމަކީ އަސާސީ ކަމެކެވެ. މި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ ބޭނުންތަކާއި ޝުޢޫރުތައް ވާޞިލުކުރުމާއި، ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުން ފަދަ ކަންކަން ޙަޤީޤަތުގައިވެސް ޙާޞިލުވަމުންދޭތޯ ބެލުން މުހިންމެވެ.
އިލެކްޝަންސް ކޮމިޝަނުން ޖުލައި މަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެހާތަނަށް ސިޔާސީ ޕާޓީގައި 10,000 މެންބަރުން ހަމަވަނީ އެންމެ 3 ޕާޓީގައި ކަމަށްވާއިރު، މިއީ ޤާނޫނުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލުވާ ގޮތެއް ނޫނެވެ. އެހެންކަމުން، ޤާނޫނުގެ މަޤްޞަދު ފުރިހަމައަށް ޙާޞިލުވޭތޯ ބެލުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން، ޤައުމުގެ ސިޔާސީ ޙަޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފުރުޞަތު ދިނުމާއި، ޤާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ސިޔާސީ ޕާޓީތަކުގެ މުހިންމު މަޤްޞަދުތަކެވެ. ނަމަވެސް، މިހާރުގެ ޙާލަތަށް ބަލާއިރު، އިންތިޚާބުތަކުގައި ބައިވެރިވެ ވާދަކުރާ ސިޔާސީ ޕާޓީތަކުގެ އަދަދު އިންތިހާއަށް މަދުކަން ފާހަގަކުރެވެއެވެ. ބައެއް ޕާޓީތައް އަމިއްލަ ނަމުގައި ވާދަކުރުމުގެ ބަދަލުގައި، އެހެން ބޮޑެތި ޕާޓީތަކުގެ ދަށުން ސިޔާސީ މަންފާ ޙާޞިލުކުރަން މަސައްކަތްކުރާ މަންޒަރު ފެންނަނީ މިކަމާ ގުޅިގެންނެވެ.
ހަމައެހެންމެ، ޕާޓީގެ އެންމެހައި ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ބެހެއްޓުމާއި، ޕާޓީގެ ކަންކަން މީޑިއާ އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ހާމަކުރަމުން ގެންދިއުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނީ މަސްއޫލިއްޔަތެކެވެ. އެހެންނަމަވެަމަވެސް، މި މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރަނީ ކިތައް ޕާޓީންތޯ ސުވާލު އުފެދެއެވެ. ޕާޓީއަށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތާއި، ޕާޓީގެ ޙަރަކާތްތައް ކުޑަމިނުން އާންމު މެންބަރުންނާއި މީޑިއާތަކަށް އެނގޭ މިންވަރު އިންތިހާއަށް ދަށް ޕާޓީތައްވެސް މި ލިސްޓުގައި ހިމެނޭކަން ފާހަގަކުރެވެއެވެ. މިއީ ޑިމޮކްރަސީގެ އަސާސީ ހަމަތަކާ ފުށުއަރާ ކަމެކެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ގޮތުން ޕާޓީތަކަށް ފައިސާ ދޫކުރާއިރު، ހަމައެކަނި މެންބަރުންގެ އަދަދު ފުރިހަމަވުމުގެ ބަދަލުގައި، އިތުރު މިންގަނޑުތަކެއް ކަނޑައެޅަން ޖެހެއެވެ.
ޕާޓީތަކުން ހިންގާ ސިޔާސީ ޙަރަކާތްތަކުގެ މިންވަރާއި، އިންތިޚާބުތަކުގައި ވާދަކުރާ މިންވަރު، އަދި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާ މިންވަރު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ. ހަމައެހެންމެ އިލެކްޝަންސް ކޮމިޝަނުން ދޭތެރެދޭތެރެއިން ޕާޓީތަކުގެ މަސައްކަތްތައް ރިވިއުކޮށް، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ޢަމަލުކުރޭތޯ ބެލަން ޖެހެއެވެ.
ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަނުވާ ޕާޓީތަކަށް، 10,000 މެންބަރުން ހަމަވިކަމުގައިވިޔަސް، ފައިސާ ދޫނުކުރުމުގެ އުސޫލެއް ގެންގުޅެން ޖެހެއެވެ. ހަމައެހެންމެ ޕާޓީތަކުގެ މާލީ ހިސާބުތަކާއި ޙަރަކާތްތައް ހާމަކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި ޕާޓީތަކުން ހިންގާ ޙަރަކާތްތަކުގެ ތަފްޞީލު އާންމުކޮށް ޝާއިޢުކުރުމަށް ލާޒިމުކުރުމާއި، ޕާޓީތަކުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް، އާންމުކުރުމަށް ލާޒިމުކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
މީގެއިތުރުން ޕާޓީތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކުގެ ތަފްޞީލު ހާމަކުރުމަށް ލާޒިމުކުރުމާއި، ޕާޓީތަކުގެ އިދާރީ އޮނިގަނޑާއި، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބާރުއެޅަން ޖެހެއެވެ.
މީގެއިތުރުން ޕާޓީތަކުގެ މެދުގައި ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުން މުހިންމެވެ. މި ފަދަ ފިޔަވަޅުތަކެއް އެޅުމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ ކޮންމެ ރުފިޔާއެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ސިޔާސީ ޕާޓީތަކުގެ ދައުރު އިތުރަށް ފުޅާވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ހަގީގަތަކީ ސިޔާސީ ޕާޓީތަކަކީ ޑިމޮކްރަސީގެ މުހިންމު ތަނބެއް ކަމުގައިވާއިރު، އެ ތަނބު ވަރުގަދަކޮށް، ހަރުދަނާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، މި ދެންނެވުނު ފަދަ އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެކަން ކަށަވަރެވެ.

