ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއް ދޫކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އަށެވެ. އެގޮތުން ޕީއެންސީއަށް 13.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 8.4 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީއަށް 2.6 މިލިޔަން ރުފިޔާ، މޯލްޑިވްސް ޑިމޮކްރެޓިކް އެލައަންސް (އެމްޑީއޭ) އަށް 1.7 މިލިޔަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ކޮންމެ 6 މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކޮށް އާންމުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ. އަދި ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށް ހަރަކާތްތެރިވަމުންދަނީ 8 ސިޔާސީ ޕާޓީއެވެ. ނަމަވެސް މި ފައިސާ ދޫކުރެވިފައިވަނީ 10،000 މެންބަރުން ހަމަވާ 5 ޕާޓީއަކަށް އެކަންޏެވެ.

