ބައެއް ސަރަޙައްދުތަކުގައި ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާވެފައިވާކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އެކަންކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ.
އެހެންނަމަވެސް، ހަމައެކަނި ފެސިލިޓީތަކެއް ޤާއިމުކޮށްގެން ނުފުދޭނެކަން ފާހަގަ ކުރައްވައި އިޙްސާން ވިދާޅުވީ، ފުލުހުންގެ ފަރާތުން އާންމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް ކުރިއާ އަޅާބަލާއިރު ރަނގަޅުކަމަށް ރައްޔިތުން ޤަބޫލު ނުކުރާހާ ހިނދަކު ފެސިލިޓީތަކުގެ ހަގީގީ ބޭނުމެއް ނުހިފޭކަމަށެވެ.
އިޙްސާން ވިދާޅުވީ، ރައްޔިތުންނަށް ދޭ ޚިދުމަތަކީ އެންމެ ފުރިހަމަ ޚިދުމަތެއްތޯ ކަށަވަރު ކުރުމަކީ ކޮންމެ ފުލުހެއްގެވެސް ޒިންމާއެއް ކަމަށާއި، މިހާރުވެސް ބައެއް ސަރަޙައްދުތަކުގައި ފުލުހުންގެ ޚިދުމަތް ކުރިއަށްވުރެ ހަރުދަނާވެފައިވާކަމަށެވެ. އެކަން މިއަދު އެކި ފަރާތްތަކުން ފާހަގަކުރަމުންދާކަމަށްވެސް އިޙްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ވާހަކަވެސް އެކި ފަރާތްތަކުން ހިއްސާކުރަމުންދާކަމަށެވެ.
އުފަލާއެކީ މިއަދު ފާހަގަކުރާނަން ބައެއް ސަރަހައްދުތަކުން ފުލުހުންގެ ހިދުމަތް ތަފާތުވެއްޖެކަން އަދި ރަނގަޅުވެއްޖެކަމުގެ ވާހަކަ ބައެއް ދިމަދިމާތަކުން ދައްކާކަން. އަދި ހަމައެއާއެކީ ބައެއް ދިމަދިމާތަކުން ރަނގަޅު ކުރަން ހުންނަ ކަންކަމުގެ ވާހަކަ ވެސް ދައްކާ.
މީގެ އިތުރުން، މި ކަންކަމުން ދޭހަވަނީ ފުލުހުންގެ ޚިދުމަތް ރަނގަޅު މިސްރާބަކަށް ދާކަން ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާންއެވެ.
ފުލުހުންގެ ޚިދުމަތު ދުވަހަކީ 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭން ފެށި ދުވަހެވެ. އެގޮތުން މިއަހަރު ފާހަގަކުރަމުންދަނީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ޚިދުމަތްދޭތާ 21 ވަނަ އަހަރެވެ.

