ކޮރަޕްޝަނާއި ދެކޮޅަށް އޭގެ އެންމެ ފުން މާނައިގައި ކޮމިޝަނުން މަސައްކަތް ކުރާ ކަން ރައްޔިތުންނަށްވެސް އަންގައިދޭން ޖެހޭ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮމްޕިޓެންސީ ފްރޭމްވޯކް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާމިލް ވިދާޅުވީ، ”ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަކީ ގައުމަކަށް އެންމެ މުހިންމު އެއް މަސައްކަތް“ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމެއްގެ ތަރައްގީއާއި އިޖުތިމާއީ ހަމަޖެހުމާއި އަދާލަތު ގާއިމުވެގެން އަންނަނީ ކޮރަޕްޝަން މަދުކުރެވި، ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ހަގީގީ މާނައިގައި ލިބިގެންނެވެ.
ކޮރަޕްޝަން ހުއްޓުވުމަށް ނުވަތަ މަދުކުރުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު އަދި ތަޖުރިބާގެ މުހިންމުކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ، މި ދާއިރާއިން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ.
ކޮމިޝަނުގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝާމިލް ވިދާޅުވީ، ކޮމިޝަނުން ކުރާ މަސައްކަތްތައް އާންމު ރައްޔިތުންނަށް ފެންނާނެ ގޮތަށް ބައްޓަންކުރުމުގެ މުހިންމުކަމާއި، މިކަމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށެވެ.
އަދި ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމުގެ ޔަގީންކަން ޝާމިލް ދެއްވިއެވެ. މީގެއިތުރުން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

