ފާކިސްތާނުގައި ކްރިކެޓު ކުޅެމުންދިޔަ ދަނޑެއްގައި ބޮމެއް ގޮއްވާލާފައިވާކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުން ޕާކިސްތާނުގައި ހުުންނަ ކައުސަރު ކްރިކެޓު ގްރައުންޑުގައި ގޮއްވާލި ބޮމުގެ ސަބަބުން ނިޔާވެފައިވަނީ އެންމެ މީހެކެވެ. ނަމަވެސް އެތައް ބަޔަކަށް އަނިޔާތައް ލިބިފައިވާއިރު ގޮއްވާލީ އައިއީޑީއެއްކަމަށާއި ވަކި މީހަކަށް އަމާޒުކޮށްފައިވާކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނާކަންވެސް ހިއްސާކޮށްފައިވެއެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނާގޮތުން އަނިޔާތައް ލިބުނު ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. އަދި ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދެވިފައިވާއިރު އަމާޒެއް ކޮށްފައިވުމުން މި އަމަލަކީ ގަސްތުގައި ހިންގި ޖަރީމާއެއްކަން ކަށަވަރުވާކަމަށެވެ.
މަންޒަރު ދުށް ފަރާތްތަކުން ސިފަކޮށްފައިވާގޮތުން ބޮން ގޮވުމާއިއެކު މުޅި ބިންގަނޑުވެސް ގުޑިގެންދިޔައެވެ. މިކަން ހިނގީ ކްރިކެޓު މެޗެއް ކުޅެމުންދަނިކޮށް ކަމަށްވާއިރު ގަތް ބިރަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދު ދޫކޮށް ދުއްވައިގަތްކަމަށް ފާހަގަކޮށްފައިވެއެވެ. މި ހަމަލާގެ ސަބަބުން އާންމުން އެއްވާ ސަރަހައްދުތަކާއި އެފަދަ ހަރަކާތްތަކުގެ ރައްކައުތެރިކަމާއިމެދު ސުވާލު އުފެދިފައިވެއެވެ.
ދާދި ފަހުން ޓެރަރިސްޓުންތަކެއް ކަމަށް ބުނާ ބަޔަކު ޕޮލިސް ސްޓޭޝަނަކަށްވެސް ހަމާލާއެއް ދިނުމަށް މަސައްކަތްކޮށްފައިވެއެވެ. ކުއަޑް ކޮޕްޓަރެއް ބޭނުންކޮށްގެން ދިން ހަމަލާގައި ފުލުހަކަށާއި މުދަލަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް ސީދާ އަމާޒަށް ވާސިލުނުވެވުނުކަމަށާއި މިކަމުގައި އަނިޔާވި ފުލުސް މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވުނުކަމަށެވެ.
މި ދެހަމަލާއަށްވެސް އެއްވެސް ޖަމާއަތަކުން ޒިންމާ ނަގާފައިނުވެއެވެ. އެހެންކަމުން މިއީ މިފަހުން ކުރިއަށް ގެންދިޔަ ކައުންޓާރ ޓެރަރިޒަމް މަސައްކަތްތަކާއި ގުޅިގެން ދިން ހަމަލާތަކެއްކަމަށް ބެލެވޭކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. މިކަމުގެ ތަހުގީގުތައް ކުރިއަށްދާއިރު އިތުރު ހަމަލާތައް ހުއްޓުވުމުގެ ގޮތުން ޕެޓްރޯލްކުރާ މިންވަރު އިތުރުކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

